ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓައަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް(ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ރައީސް ނިންމަވާފައިވާ ކަން ހާމަ ކުރެއްވުމާއި ގުޅިގެން ކުރެއްވި އެކްސްއެއްގައެވެ.

ރައީސް ވިދާޅުވީ، ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައިވާ ކަމަށާއި އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަހުމީ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސް އަޅުއްވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ސްޓެލްކޯއިން އެ މަސައްކަތަށް އެއްބާރުލުން ލިބޭނެ ކަމަށެވެ.

"ރައީސްގެ މި މުހިއްމު ނިންމެވުމަށް ފުރިހަމައަށް ތާޢީދުކޮށް މަރުޙަބާ ދަންނަވަން. ރާއްޖެއަކީ އަރަނިވެރި، ތިޔާގި އަދި މާލީ ބުރަތަކަށް ވިލުންވެރި ޤައުމަކަށް ހެއްދެވުމަށް ރައީސް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ދިވެހި ގައުމު ދެކެ ލޯބިވާ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. އަދި ހަމަ މިއާއިއެކު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދައުލަތުގެ ކުންފުންޏެއްގެ ހައިސިއްޔަތުން ސްޓެލްކޯއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަޤީންކަންވެސް އަރުވަން."، ފަހުމީ ވިދާޅުވިއެވެ.

ހަމައެއާއެކު ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ކުރިއެރުމަށް ކުރަމުން ގެންދާ މަސައްކަތުގައި ދާދި އަވަހަށް ކުލަޖެހިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ހަރަދުތައް އަތްނުފޯރާ ފަށަށް ބޮޑަށް އުފުލިގެން ދިއުމުން ސަރުކާރުން މިހާރު ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައި، ހަރަދުތައް ކުޑަކޮށް، ދައުލަތަށް ވަންނަ ފައިސާގެ އަދަދު އިތުރުކުމަށް މަސައްކަތް ފަށައިފައެވެ.

ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިސްލާހީ މަސައްކަތްތަކުގެ ތެރެއިން މިއަހަރު މިހާތަނަށް ސަރުކާރުގެ ހަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑަށް ވަނީ ކުޑަކޮށްފައެވެ.