ހުޅުމާލޭގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގައި އުސޫލާ ހިލާފަށް އިމާރާތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ ފަހަކަށް އައިސް ހުޅުމާލެއިން ވިއްކާފައިވާ ބިން ކުއްޔަށްދީފައިވާ ނުވަތަ އިޖްތިމާއީ ބޯހިޔާވެހިކަމުގެ ތެރެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ކުރާއިރު އެ ކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކަށް ބެލުމެއްނެތި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިމާރާތް ކުރުމާއި ގުޅޭ ހުއްދަތައް ނުނަގައި ގޯތި ތެރޭގައި މަސައްކަތް ކުރުމާއެކު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެޗްޑީސީން ވިދާޅުވީ، ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތެއް ހަދަން ފެށުމުގެ ކުރިން އިމާރާތް ކުރާނެ ގޮތުގެ ކުރެހުމެއް ހުށަހަޅާ ފާސްކުރުމަށްފަހު އިމާރާތް ކުރުމާ ގުޅޭ އެހެނިހެން ހުއްދަތަށް އެ ކޯޕަރޭޝަނުން ނަގަން ވާނެ ކަމަށެވެ.

އަދި ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލުތައް އެ ކޯޕަރޭޝަން ވެބްސައިޓުން ބެލޭއިރު، އެކަމާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން އުސޫލުތަކާއި ހިލާފަށް ގޯތިތެރޭގައި މަސައްކަތެއް ކުރަމުންދާނަމަ ނުވަތަ އުސޫލާ ހިލާފަށް އިމާރާތް ކުރުމުގެ މަސައްކަތެއް ކުރަމުންދާނަމަ އަދި އިމާރާތެއް ކޮށްފައިވާ ނަމަ އެ ގޯއްޗެއްގެ ވެރި ފަރާތާއި މެދު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީީން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު