ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 13 މުވައްޒަފަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ކަރެކްޝަންސް އާ ގުޅޭގޮތުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އެތާގެ 13 މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ މާފުށިން ކަަމަށް ފުލުހުން ވިދާޅުވިއިރު، ކާށިދޫން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އުތީމުންނާއި މާލެ އިންވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތަފްސީލް ހާމަ ކުރެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ފުލުހުން އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ކަމަށެވެ.

އެގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން މިކަމުގައި ހިމެނޭކަން ފާހަގަވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ މުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވެފައި އެބަހުރި. އަޅުގަނޑުމެން މިހާ ހިސާބަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ވަނީ މި 18 މުވައްޒަފުންގެ އެކައުންޓުން ގާތްގަނޑަކަށް 73 މިލިއަން 6 ލައްކަ ރުފިޔާ އެކި ފަހަރު މަތިން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް ޖަމާވެފަ ހުރިކަން ފާހަގަ ކުރެވިފައިވޭ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފުލުހުން ހިންގި ތަހުޤީގުން ފާހަގަކުރެވިފައިވާ 18 އޮފިސަރުންގެ ތެރެއިން 6 ފަރާތެއް މިއަހަރު ވަޒީފާއިން ވަކިވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެބޭފުޅުންނާއި މެދު ވެސް އަޅަން ޖެހޭ ފިޔަވަޅު އަޅައި، މައްސަލަ ބަލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މުދި

    ސަރުކާރު ބަލިކަށި ވާ ވާހަކަ ދައްކަން ހެދީމަ އެހެން ކަމެއް ފެށީދޯ، ތީ އަލައް ކުރާ ކަމެއް ނޫނޭ، އަދިކިރިޔާތަ އެކަން އެނގުނީ، ސަރުކާރުގަ ރުފިޔާ ނެތީމަ ތިއުޅެނީ، އަހަރެމެންގެ މުސާރަވެސް އަދި ޖަމާނުވެ

  2. މުއިއްޒުއާއިއެކު ކުރިއަށް

    ސާބަހޭ ރައީސް މުއިއްޒު. ކުރީ ސަރުކާރުގަ ޑްރަގް ނެޓްވޯކުތަކާއި ގާތް ގުޅުމެއް ބާއްވާ، އުމުރަށް ޖަލަށްލީ އެތައްބަޔަކުވެސް މިނިވަން ކުރި. މިހާރު އެހެރީ ދިވެހިންނަށް ހެޔޮ އެދޭ ވަރިއެއް. ގޭންގުތަކުގެ ނުބައިކަމުން މިހާރުގެ ވެރިޔާ ސަލާމަތް ކޮއްދެއްވުން އެދި ރައްޔިތުން ދުއާ ކުރުން މުހިއްމު

  3. ފުރޭތަ

    އެހެންވެތަ ޖީއެސްޓީ ނަގަނީތި ރައްޔިތުން ފެލަން

  4. ހުސޭނުބޭ

    ޖަލުގައި ތިބި ކުށްވެރިންނަށްވުރެ ތި މުއައްޒަފުން މާ ނުބައެއްނު!

  5. ހަބީބު.

    ރާއްޖޭގެ ޖަލައްލެވޭ ޒުވާނުން އެތަނުން ނިކުމެގެން އަންނައިރު ކުރިޔައްވުރެ ނުބައި ނުލަފާކަން ދައްކާ ހަދަނީ ފުލުހުންގެ ނުބައި ނުލަފާކަމުން މިއަދު އެކަން ރައްޔިތުންނައް އެނގޭނެ

  6. ބަންކަރު

    ލޯނު އިދާރާތަކުގައި ތިބެގެން ރިޝްވަތު ހިފައިގެން ލޯނުދޭ މީހުން ހިފައި ހައްޔަރުކުރާނީ ކޮން ދުވަހަކުންތޯ؟

  7. ހަސަނު

    އެބަރަނގަޅުވޭ..ހުރިހާ މުއައްސަސާ ތަކުގައިވެސް ތިގޮތަށްބަލާ .ފިޔަވަޅުއަޅާނެކަމަށްރައްޔިތުންއުއްމީދުކުރާނެ
    ޝުކުރިއްޔާ

  8. ވިސްނާ

    ސާބިތެއް ނުވާނެ ދޫކޮށްލާ

  9. ހިކި ކިރު

    ވެރިކަމަށް އައި ބަޔަކަށް އަދި ކިރިޔާ ޤައުމަށްޓަކައި ރައްޔިތުންނަށްޓަކައި ހެޔޮ ކަމެއް ތިޔަ ކޮއްދެވުނީ. ވ ޝުކުރު.

  10. ޢަފީ

    ވވވ ރަނގަޅު

  11. އާދަނު

    އަޑު އެހީމު ތިވެރިން ޖުވާ ކުޅެގެން ހޯދި ފައިސާ ކަމަށް

  12. ނިކަމެތި މީހާ

    މީ އަޅުގަނޑުމެން ބޭނުންވާ ދުވަހަކީ މިކަހަލަ ނުބައި ކަންކަމުން ގައުމު ސަލާމަތް ކުރާނެ ވެރިޔަކު ނިކަމެތި ރަތްޔަތުންގެ ދަރިންގެ މުޅި ޒުވާން އުމުރު ހަލާކު ކޮއްލީ ތިމީހުންނައް ދެވެން އޮއި އެންމެބޮޑު އަދަބެއް ދޭން ގޮވާލަން

  13. މުހައްމަދުއިބުރާހިމް މުހައްމަދުދީދީ

    މީހާރުފުލުހުށްޖެހޭ އެކާށީގެންނުވާ ފޯނުކޯލާއި އެފަފަދަ ފައިސާ ޖަމާވާ އެކައުޓުތައް ޗެކުރަށް ވީމާއިތުރައްސަމާލުވުމައްއެދެށް

  14. ރަފީއުލް

    ފޮޓޯ ނެރޭތިކަހަލަ ކޮރަޕްޓް މީހުންގެ. ޕޮލިސްވީމަ ފޮޓޯ ނުނެރެ އެކަމަކު އާއްމު ރައްޔިތުމީހާ ނުގަވައިދުން ފޮޑިއެއްޖެހިޔަސް ފޮޓޯ ނެރެލާ. ތީ ކޮންވައްތަރު ސިސްޓަމް.