ރައްޖޭގެ ދެކުނުގެ އަތޮޅުގެ ރަށެއްގައި 18 އަހަރުނުވާ ކުޑަ އަންހެން ކުއްޖަކު ބަނޑުބޮޑުކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާ ގަނާ ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މީހަކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެރަށުގައި 18 އަހަރު ނުވާ ކުއްޖަކަށް ސްކޫލް ކުދިންތަކެެއް ގަނާކޮށް ކުއްޖާ ނަފްސާނީވެ އެތައް ގޮތަކުން އަނިޔާ ރަށުގެ ސްކޫލްގެ މަދު ބެލެނެވެރިން ތަކެއްގެ ފުށުން ކެނޑިނޭޅި ލިބެމުން އަންނަތާ ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.

" ކަންދިމާވިގޮތަކީ އެ އަންހެން ކުއްޖާ އެދުވަހަކު ސްކޫލްގެ ކަންޓީނުން ހެދެކާކައިގެން ހޮޑުލި މަންޒަރު އެ އަންހެން ކުއްޖާއާ ރައްޓެހިވާހިތުން އުޅޭ ދެ ކުއްޖަކަށް ފެނުނީ. ދެން އެ އަންހެން ކުއްޖާ ބަނޑުބޮޑުކަމަށް ކިޔާ މުޅި ރަށުގަ އަޑު ފަތުރާ އެވަރުން ނުވެގެން އެއަޑުފެތުރި ބެލެނެވެރިން މައްސަލަ ޖައްސައިގެން ޖެންޑާ މިނިސްޓްރީގެ މިކޮޅުގައި ތިބޭފުޅުންގެ ހާޒިރުގާ ޓެސްޓް ވެސް ހެދި. ޓެސްޓްގެ ނަތީޖާ ނެގެޓިވް ކަމަށް ދެއްކީ. މިއީ އެ ކުއްޖާއަށް ދެވުނު ކިހާ ބޮޑު ގެއްލުމެއްތޯ،" އެ ޕޯސްޓްގައި ބުނެފައިވެއެވެ.

އަދި އެ ކުއްޖާގެ ގޭދޮަށަށް ގޮސް އަޑުގަދަކޮށް ރަށުގެ ރައްޔިތުން އެއްކޮށް ހެއްދެވި ނުހެއްދެވި އަށްގޮވާ ހެދި ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އެ ކުއްޖާ ސްކޫލަށް ދިއުމަށް ނުކުޅެދިފައިވާ ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ގުޅުންހުރި އިދާރާތަކާއި އެކު އެކަން ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި މިކަމުގައި މަސްލަހަތު ހިމެނޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޔަގީންކޮށް ދިނުމަށް ކުރަންޖެހޭ ކަންކަންވެސް ފުލުހުން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ކުޑަކުދިންނާމެދު އެކުދިންގެ ރައްކާތެރިކަމާއި ދިރިއުޅޭ މާހައުލުގެ އުފާވެރިކަން ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމާއި ކަންކަން އެއްވެސް ފަރާތަކުން ނުކުރެއްވުން އެދޭ ކަމަށް ޝިފާން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެދުރުބެ

    ހާދަ ގޮތެއްނެތް ގަމާރު ބަޔަކު އުޅޭ ރަށެކޭ މިއޮއް ޒަމާނުގަ. ދަރިވަރަކު ހޮޑުލީއޭ ކިޔާފަ އޭނަ ގޭދޮށަށް ރައްޔިތުން އެއްވެގެން އޭނައަށް ބަވާ ޒިނޭގެ ތުހުމަތު ކުރިކަމަށް ވާނަމަ ތިއޮތީ ޤަޒުފު ކުރަންވެފައެއްނު ތި އެންމެން.

  2. Anonymous

    ތިކަމާ އެއްވެސް ފިޔަވަޅެއް އެޅޭނެތޯ....؟؟؟