ދަރަންޏާ ބެހޭ ބިލް އަވަސް ކުރުމަށް އާދިއްތަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުނަށް ތާވަލްކޮށްފިއެވެ.

އާދިއްތަ ދުވަހު މަޖިލީހެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ގައެވެ. ޖަލްސާގެ އެޖެންޑާގައި އޮތީ ދަރަންޏާ ބެހޭ ބިލާއި ގުޅޭގޮތުން ބަހުސް ކުރުމެވެ.

ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަންދޫހް މަޖިލީހަށް ހުށަހެޅުއްވި ބިލްގައި ވަނީ އެ ގާނޫނަށް އަމަލުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ޑެޓް މެނޭޖްމެންޓް އޮފީހެއް، މާލީ ވުޒާރާގެ ދަށުން ހިންގަން ފަށަން ވާނެ ކަމަށް ބުނެފައެވެ.

އަދި މާލީ ވުޒާރާގެ ދަށުން މިހާރު ހިންގާ ޑެޓް މެނޭޖްމެންޓުގެ ހުރިހާ ޒިންމާތަކާއި މުވައްޒަފުންނާއި މުދަލާއި ވަސީލަތްތަކާއި އިމްތިޔާޒުތައް ޑެޓް މެނޭޖްމެންޓް އޮފީހަށް ބަދަލުވާނެ ކަމަށް ވެސް ބިލްގައިވެއެވެ. އެ އޮފީސް ހިންގާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ޕްރޮފެޝަނަލް ކަމާ އެކުގައި ކަމަށް ވެސް ބިލްގައިވެއެވެ. ނަމަވެސް އެ އޮފީހުގެ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނީ މާލީ ވަޒީރު ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި ވަނީ ސޮވްރިން ގެރެންޓީ ދޭގެ ގޮތްތަކާއި ލޯކަލް ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރަނި ނެގުމުގައި އަމަލުކުރާނެ ގޮތްތައް ވެސް ބަޔާން ކޮށްފައެވެ. އަދި ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދަން ޖެހޭނެ ވެސް ބުނެފައިވެއެވެ.

ބިލްގައި ވަނީ ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ ރައީސްއަށް ހުށަހަޅައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ކުރިން ފާސް ކުރަން ޖެހޭނެކަމަށެވެ.

މި ބިލް އެޖެންޑާ ކޮށްފައިވާއިރު، މި ސަރުކާރުން އަންނަނީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުވައްވަމުންނެވެ. އެގޮތުން މާލީ ވުޒާރާއިން ވެސް ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އަދި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅަން ނިންމާފައިވާ ކަން ހާމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުރުމީންބެލުން.

    ޚަރަދު ކުޑަކުރަން އަޅަންވި ފިޔަވަޅުތައް. (1) ކޮންމެ މިނިސްޓްރީ އެއްގަ (ޤާބިލު) ގިނަވެގެން 2 ސްޓޭޓް އަދި 4 ޑެޕިޔުޓީ މިނިސްޓަރުންނަށް މަދުކުރުން (2) ޕޮލިޓިކަލް ޑިރެކްޓަރުންފަދަ މަޤާުމުތައް އުވާލުން. (3) ކުންފުނިތަކުގަ ސީއީއޯގެ ދަށަށް 1 ޑެެޕޔުޓީ ސީއީއޯ ލުން، ދެންތިބޭނީ މެނޭޖަރުން (4) ކުންފުނިތަކުގައި މިހާރުތިބި ރޮނގާލިގަޑު (ގާތްގަޑަކަށް %50) ވަކިކުރުން. (5) އެއްވެސް އިދާރާއެއްގެ އެއްވެސް މީހެއްގެ މުސާރައާއި ޢިނާޔަތް މިނިސްޓަރަކަށްވުރެ ބޮޑުނުވުން (މަޖިލިސް މެމްބަރުން، ކުންފުނިތަކުގެ އެކިއެކި މަޤާމުތައް ފަދަ) (6) ސަރުކާރާއި ކުންފުނިތަކުގެ ދަތުރު މަދުކުރުން (7) ރާއްޖެއާއި ރާއްޖޭން ބޭރުގަ ވީހާވެސް ގިނައިން އޮންލައިން މީޓިންގ ތައް ބޭއްވުން. (8) އޮފީސްތަކުގެ ރަސްމީގަޑި ނިމުމުން އޮފީސްތައް ބަްދުކުރުން (އިތުރުގަޑި ނުހެދީމަ އިތުރުގަޑީ ފައިސާއާއި، ކަރަންޓާއި ފޯނާނާއި އިންޓަނެޓް ޚަރަދު ކުޑަކުރެވޭނެ) (9) މަސަްވެރިން ބާނާ މަހަށް ހަމަ އަގު ދިނުން، މިގޮތުން ބޮޑުވެގެން 15.00 ރުފިޔާ އަށް މަސަްކިލޯ އެއްގެ އަގު ހަމަޖެއްސުން. (10) ބިދޭސީން ކޮންޓްރޯލްކުރާ ކަންމަތީ ފިހާރަތަކާއި ކެފޭ ފަދަ ތަންތަނުގެ ކޮންޓްރޯލް ދިވެހިންނަށް ނެގޭގޮތަށް ޤަވާއު ހަދާ އިންޕްލިމެންޓް ކުރުން (11) ޤަވާޢިދައި ޚަލާފަށް އުޅޭ ބިދޭސީން ވަގުތުބް ވަގުތައް ފުރުވާލުން (12) ފައިދާ ނުވާ ކުންފުނިތައް އުވާލުން (13) އެކި ނަންނަމުގައިހުރި އެއްގޮތް މަސައްކަތް (ޑްޕްލިކޭޓް މަސައްކަތް) ކުރާ ކުންފުނިތައް މާޖްކޮށްލުން (14) ކުންފުނިތަކުންނާއި އޮފީސްތަކުގައި ރޭވިގެން ހިންގާ ކޮރަޕްޝަނާއި ވައްކަން ހުއްޓާލުން. (15) ބީލަން ތަކުގައި ހިންގާ ޖަރީމާ ހުއްޓާލުން. މިސާލަކަށް ބިޑަކަށް ހުޅުވާލީމަ ޤަސްދުގަ ކުޑައަގު ލައިގެން ބިޑް ވިންކޮށް، މަސައްކަތްފަށާފަ "ވޭރިއޭޝަން" އަށްލީމަ އެކަން ޤަބޫލުކޮށް ފައިސާ ދޫކުރުން. (16) ޚަރަދު ކުޑަކުރުމަށް މިފަދަ ކިތަންމެ ކަމެއް ރައީސް ޑރ.މުއިއްޒު އާއި ސަރުކާރުން ބޭނުންނަމަ ކުރެވޭނެ. އެހެންނަމަވެސް އެވަރުގެ ހިތްވަރާއި އިޚްލާސްތެރިކަން އެބަހުރިބާ؟