މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވެފައިވަނީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މީހާކަން އެނގިއްޖެއެވެ.

ކަރެކްޝަންސްއިން މިއަދު ބުނީ، ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށް ހުއްޓާ ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް (45އ) ކަމަށެވެ.

މުޙައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައިވާ ކަމަށާއި. އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފަށި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނި ގޮތުގައި އޭނާ ހިތް ހުއްޓިގެން ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ 12:45ގައެވެ

އޭނާއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އަދި އެއީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި، އަޑުގަދަކުރި މައްސަލައިގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ، އަލީ ސޯލިހަށް ހުޅުމާލޭން ތޫނު އެއްޗަކުން ހަމަލާދީގެން ހައްޔަރު ކުރި މީހާކަން ވެސް ވަނީ އެނގިފައެވެ.

އައިސިސްގެ ދިދަ ޖެހި ޖުއްބާއެއް ލައިގެން ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައި އޭނާ ހައްޔަރު ކުރުމުން، އޭނާއަކީ ނަފުސާނީ ބަލީގެ މީހެއްކަން ސާބިތުވާ މެޑިކަލް ރިޕޯޓުތައް އާއިލާ އިން ހުށަހެޅުމުން އޭނާ ވަނީ ހަމަ އެދުވަހު އާއިލާއާއި ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ ފަހުން ވެސް އޭނާ ވަނީ ބައެއް ފުލުހުންތަކަކަށް ވެސް މަރުގެ އިންޒާރުދީ އަޑުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    މަރުވީމާ ދެން ކީއްކުރަން ތި ވާހަކަ ދައްކަނީ... ފަރުވާ އަށް ބޭނުންވާ ކިތަށް މީހުން މާލޭ މަގުމަތީގަ ބިއްޖެހިފަ އެތިބީ.. ސަލާން ޖަހަނީ.. ލާރި ނުލިބިއްޖެ ނަމަ ވައްކަން ކުރަނީ.. މިވެސް ކޮންމެވެސް މީހެއްގެ ދަރިއެއް.. ބޭބެ އެއް.. ކޮއްކޮ އެއް.. ތިމާގެ މީހެއް.. ޤައުމެއްގައި މިފަދަ ނަފްސާނީ މީހުންނަށް ފަރުވާ ދެވޭފަދަ އެއް ނެތް ނަމަ ކީއްކުރާ ވެރިކަމެއް.. ކީއްކުރާ ޤައުމެއް.. ޤައުމެއްގެ ރައުސުލްމާލަކީ އެޤައުމުގެ ރައްޔަތުން..