މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ޖަމީލް ނިޔާވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ކަރެކްޝަންސްއިން މިއަދު ބުނީ، ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށް ހުއްޓާ ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް (45އ) ކަމަށެވެ.

ގޮޅިން ބޭރަށް ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށި ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރު ދިނުމަށްފަހު، އެއްވެސް ބަދަލެއް އައިސްފައި ނުވާތީ، މާފުށީ ސިއްހީ މަރުކަޒަށް 12:13 ހާއިރު ގެންގޮސް އޭނާއަށް ފަރުވާ ދީފައިވާއިރު، ކަރެކްޝަނުން ބުނީ ހިތް ހުއްޓިގެން އޭނާ ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ 12:45 ގައި ކަމަށެވެ.

އޭނާ އަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އަދި އެއީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ޖަމީލް ނިޔާވުމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އޭނާ ނިޔާވެފައިވަނީ ޖަލުގައި އަނިޔާކޮށްގެން ކަމަށް ބުނެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ ބުނެފައިވަނީ އަނިޔާ ކޮށްގެން ޖަމީލަށް ނުހިނގިގެން ގެންދަނިކޮށް ވެސް ބައެއް ގައިދީންނަށް ފެނިފައިވާ ކަމަށާއި ސިއްހީ ފަރުވާ ނުދީ ބާއްވާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ޖަލުގައި ގައިދީއަކު މަރުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި، އަޑުގަދަކުރި މައްސަލައިގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ، އަލީ ސޯލިހަށް ހުޅުމާލޭން ތޫނު އެއްޗަކުން ހަމަލާދީގެން ހައްޔަރު ކުރި މީހާކަން ވެސް ވަނީ އެނގިފައެވެ.