ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

އުމުރުން 38 އަހަރުގެ އެ ފިރިހެން މީހާގެ ބަންދު އަމުރުގައިވާ ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވަނީ ހުއްދަނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުންދިނުމާއި ވައްކަން ކުރުމުގެ ކުށުގެ ތުހުމަތެވެ.

މިމައްސަލައިގައި އޭނާ ހައްޔަރުކޮށް، ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ވަނީ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް އަމުރުކޮށްފައެވެ. މިމައްސަލައިގައި އޭނާއާއި ދެކޮޅަށް ބައެއް ހެކިތައް ހުށަހަޅާފައިވާއިރު، ބޭންކް ސްޓޭޓްމަންޓާއި ކޯލް ޑީޓެއިލްއިން ވައްކަން ކުރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، އޭނާ އެކަން ކޮށްފައިވަނީ ދުރާލާ ރޭވިގެން ގިނަ ބައެއްގެ ބައިވެރިވުމާއި އެކީ ކަމަށެވެ. ނަމަވެސް އެއީ ކިތަށް މީހުން ކަމެއް އަދި ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.