މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށް ހުއްޓާ ނިޔާވި މުހައްމަދު ޖަމީލުގެ އާއިލާގެ ހުއްދައާއި އެކީ ޕޮސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މާފުށި ޖަލުގައި ޖަމީލް ބަންދުކޮށްފައިވަނީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައެވެ. ނަމަވެސް އޭނާ ބަންދުކޮށްފައިވަނީ ކޮން ދުވަހަކު ކަމެއް އެނގިފައެއް ނުވެއެވެ.

ނަފްސާނީ ބަލި ހުންނަ ކަމަށް އާއިލާއިން ލިޔުންތައް ވެސް ދައްކާފައިވާ ޖަމީލު ނިޔާވުމާއި ގުޅިގެން އޭނާގެ ހަށިގަނޑުގައި އަނިޔާވެފައިވާކަމުގެ ނިޝާންތައް ހުރުމުން ގިނަ ބަޔަކު ވަނީ ޖަލުގައި އޭނާ މަރާލީ ކަމަށް ތުހުމަތު ކޮށްފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އިހުސާން ވިދާޅުވީ، ޖަލުތަކުގައި ތިބޭ މީހުންގެ މަރުތަކަކީ ކަރެކްޝަނުން ތަހުގީގު ކުރާނެ މަރުތަކެއް ކަމަށާއި ޖަމީލް ނިޔާވި މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ކަމެއްގައި ޝައްކު ކުރެވޭ ކަމެއް ހުރެއްޖެނަމަ، ހިއުމަން ރައިޓްސް ކޮމިޝަނުން އެކަން ބަލާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް އަންގަވާފައިވާ ކަމަށާއި އާއިލާގެ ހުއްދައާއި އެކީ ޖަމީލުގެ ޕޯސްޓްމޯޓަމް ހެދުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ޖަމީލުގެ މަރުގެ ހަގީގަތް ހޯދުމަށް ގިނަ ބަޔަކު މީސްމީޑިއާގައި ވަކަލާތު ކުރަމުން އަންނައިރު، މިނިސްޓަރ ވިދާޅުވީ، އެ ތަހުގީގަށް ކަރެކްޝަނުން ވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ޖަމީލުގެ ގޮޅީގައި ހުރި ކެމެރާގެ ސީސީޓީވީ ފުޓޭޖު ވެސް ކަމާއި ބެހޭ އިދާރާތަކާއި ހިއްސާ ކުރާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ޖަމީލު ނިޔާވުމުގެ ކުޑައިރުކޮޅެއް ކުރިން އޭނާ ހުރީ ނަމާދު ކުރަންށެވެ. އަދި އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ވެސް ސަޖިދައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ސަޖިދާގައި އޮތުމަކީ މަރުވިގޮތް ބުނެދެވޭނެ ކަމެއްނޫން. ކަންހިނގައި ދިޔަގޮތުގެ ޚަބަރުގައި ޝައްކު ކުރެވޭ ކަންކަން އެބަހުރި. މިނިވަން ތަހުގީގެއް ހިންގަންޖެހޭ. ކަރެކްޝަންގެ ތަހުގީގު ބަލައެއް ނުގަނެވޭނެ.

    • އަމުރު

      ކަރެކްޝަންގެ މުވައްޒަފުްނަކީ ނަފުސާނީ ބަލިމީހުންތޯ އެބަޖެހޭ ކަށަވަރު ކުރަން؟ މިރާއްޖޭ ނަފުސާނީ ޑޮކުޓަރުން ޤަބޫލުކުރާގޮތުގައި މީހެއްގެ ގައިގައި ޖެހި ކަމުގައި ވިޔަސް، މީހަކު މަރާލި ކަމުގަ ވިޔަސް އަދި މާގަދަޔަ ރުޅި އައި ކަމުގައި ވިޔަސް ނަފުސާނީ ބަލި މީހުން ކަމުގައި ދެކެމުންދާތީ.

  2. ޖަލީލު

    މިރާއްޖޭ ދެމެފިރަޔު މައްސަލަ ޖެހުންނަސް، މާރާމާރީޔެއް ހިންގިޔަސް، މީހަކު މަރާލިޔަސް ނަފުސަާނީ މީހެއް.

    1
    1