އަމިއްލަ ކުންފުންޏަކަށް ދެ ލައްކަ ރުފިޔާ ދައްކަން ރާއްޖެއަށް މުދާ އެތެރެކުރުމަށްފަހު ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދި މައްސަލައިގައި ހައްޔަރު ކުރި ހުސައިން ޝިފާއުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޝިފާއުގެ މައްޗަށް ދައުވާކޮށްފައިވަނީ ނަލަހިޔާ ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. އެގޮތުން ނަލަހިޔާގެ ފަރާތުން ދައުވާކުރީ ނަލަހިޔާ ރެސިޑެންސްގެ ކުއްޔާއި ކުއްޔަށް ހިފި މުއްދަތުގެ ޔޫޓިލިޓޫ ބިލްތަކަށް ދައްކަންޖެހޭ ފައިސާ ޝިފާއުގެ ކިބައިން ލިބިގަތުމަށެވެ.

ސިވިލް ކޯޓުގައި އެ މައްސަލަ ކުުރިއަށްގެންގޮސްފައިވާއިރު، ދައުވާ ފޯމާއި ލިޔުންތައް ރައްދުކުރުމަށް މަސައްކަތްކުރި ނަމަވެސްް ޝިފާއުއަށް އެ ލިޔުންތައް ރައްދުކުރެވިފައިނުވެއެވެ. އެހެންކަމުން ކޯޓަށް ހާޒިރުވުމަށް އާންމުކޮށް އަންގައި އިއުލާން ކުރުމަށްފަހު ވެސް ޝިފާއު ކޯޓަށް ހާޒިިރުވެފައިނުވާތީ އެ މައްސަލަ ހިންގާފައިވަނީ ޣައިރުހާޒިރުގައި އޭނާ ދައުވާއަށް އިންކާރު ކުރީ ކަމަށް ބަލައިގެންނެެވެ.

ނަލަހިޔާގެ ފަރާތުން އެދިފައިވަނީ 2022 އެޕްރީލް މަހުން ފެށިގެން ނޮވެމްބަރު 2022ގެ ނިޔަލަށް ކުލީގެ ގޮތުގައި ޝިފާއުގެ ފަރާތުން ޖުމްލަ ދެ ލައްކަ ރުފިޔާ ދައްކަންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށާއި ކުލީގެ މުއްދަތުގައި އެ ތަނުގައި ބޭނުންކުރި ހުރިހާ ކަރަންޓް ބިލެއް އަދި ފެން ބިލަށްވާ ޖުމްލަ ފައިސާއަކީ ޝިފާއު ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ.

ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ 1 އެޕްރީލް 2022 އިން ފެށިގެން 16 ނޮވެންބަރު 2022 ގެ ނިޔަލަށް ކުލީގެ ގޮތުގައި ޝިފާއު 188،333.33 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގައި ބޭނުންކޮށްފައިވާ ކަރަންޓު ބިލަށް އަރާފައިވާ 4315.16 ރުފިޔާ އާއި ފެން ބިލަށް އަރާފައިވާ 13،588.92 ރުފިޔާ އަކީ ވެސް ޝިފާއުގެ ފަރާތުން ނަލަހިޔާއަށް ދައްކަން ޖެހޭ ފައިސާ ކަމުގައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު ކުރެއްވި ހުކުމުގައި ވަނީ، ޖުމްލަ 206،237.41 ރުފިޔާ އަކީ ޝިފާއު ދައްކަން ޖެހޭ ފައިސާއެއް ކަމަށާއި އެ ފައިސާ 4 ޖުލައި 2024 ގެ 12:00 ގެ ކުރިން ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރަން އަންގައިފައެވެ.

ހުސައިން ޝިފާއުއަކީ ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެގެން ކުރިން ފުލުހުން ހޯދަން އިއުލާން ކުރި މީހެކެވެ.

ވަގު ޓީޓީގެ މައްސަލައިގައި އޭނާ ހައްޔަރު ކުރި ފަހުން ކޯޓުން އޭނާ ދޫކޮށްލުމުން ވެސް ވަނީ ފިލައިގެން ގޮސްފައެވެ. ވަގު ޓީޓީ ހެދި މައްސަލާގައި އޭނާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބޮޑެތި ދައުވާތަކެއް ވެސް އުފުލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑަބިޔާ

    އަދި މި ހަބަރުގަ މި ސަރުކާރުން ތި ސިފާއު އަށް ސިޔާސީ މަގާމެއް ދިން ވާހަކަ ވެސް ހިމަނާލިނަމަ ހަބަރު ފުރިހަމަ ވީސް.

    2
    2
  2. ބެއްޔާ

    ހަމަ މީނާ އަށް މިސަރުކާރުން ސިޔާސީ މަގާމެއްދިންކަންވެސް ނޫސްވެރިޔާ ހާމަކޮށްލަދިންނަމަ މިކަބަރު ފުރިހަމަވީސް.

    1
    2
  3. އަހަންމަދު

    މިހާރު ތިކަލޭގެ ހުރީ ކޮންމަގާމެއްގަކަން
    ބުނެނުދިނީ ކީއްވެބާ؟.