މާލޭ ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ހޯދާ އުޅަނދުތަކުގެ ތެރެއިން، އަމިއްލަޒާތުގައި ކުނި ހުސްނުކުރެވޭ އުޅަނދުތަކަށް ކުނި ހުސްކުރުމަށް ފީއެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ތައާރަފުކޮށްފިއެވެ.

ވެމްކޯ އިން ބުނީ މާލޭ ޓްރާންސްފަރ ސްޓޭޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން 70 އިންސައްތަ އެއީ ވިޔަފާރީގެ އުސޫލުން ކުނި އުކާ ފަރާތްތަކާއި އަދި ޓެކްސީގެ ގޮތުގައި ބޭނުންކުރަމުންދާ ވޭން/ޕިކަޕް/ލޮރީތައް ކަމަށެވެ.

އެ އުޅަނދުތަކަކީ އަމިއްލަޒާތުގައި ހުސްނުކުރެވޭ އުޅަނދުތަކެއް ކަމުން، އުޅަނދަށް ބަރުކޮށްފައިވާ ކުނި ހުސްކުރަން ޖެހޭނީ ވޭން/ޕިކަޕް/ލޮރީ ގައި ތިބޭ ލޭބަރުން ކަމަށާއި އާއްމުގޮތެއްގައި ޓްކްސީގެ ގޮތުގައި ބޭނުންކުރާ އުޅަނދުގައި ޑްރައިވަރު ފިޔަވައި އެހެން ފަރާތެއް ނުހުންނަކަން ވަނީ ފާހަގަކޮށްފައެވެ.

ވެމްކޯ އިން ބުނީ ޚިދުމަތް ހޯދާ އުޅަނދުތަކުގެ ކިއު މެނޭޖްކުރުމާއިއެކު، ކަސްޓަމަރުންނަށް ވީހާ ވެސް އަވަހަށް ޚިދުމަތް ފޯރުކޮދިނުމަށްޓަކައި، ކަސްޓަމަރުން ބޭނުންވެއްޖެ ހިނދެއްގައި، އަމިއްލަޒާތުގައި ހުސްނުކުރެވޭ އުޅަނދުތަކުން އެ ކޯޕަރޭޝަނުގެ މުވައްޒަފުން ކުނި ހުސްކޮށްދިނުމަށް ފީއެއް ތައާރަފުކޮށްފައިވާ ކަމަށެވެ. ވެމްކޯ އިން ބުނީ އެ ފީ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ފީ ނަގާނެ ގޮތް:

  • ވޭން/ޕިކަޕް/ލޮރީގައި 350-0 ކިލޯ ގްރާމް ހުންނަ ނަމަ 50 ރުފިޔާ
  • ވޭން/ޕިކަޕް/ލޮރީގައި 1500-351 ކިލޯ ގްރާމް ހުންނަ ނަމަ 75 ރުފިޔާ
  • ވޭން/ޕިކަޕް/ލޮރީ 1501 ކިލޯ ގްރާމަށްވުރެން ބަރު ނަމަ 100 ރުފިޔާ

ވެމްކޯ އިން އިތުރަށް ބުނީ އަމިއްލައަށް ކުނި ހުސްކުރުމަށް އެދޭ ފަރާތްތަކުން އުޅަނދުން ކުނި ހުސްކުރުމަށް 7 މިނެޓްގެ ވަގުތެއް ދޭނެ ކަމަށެވެ.

ވެމްކޯ އިން ބުނީ މިގޮތަށް ނިންމާފައިވަނީ 2024 ޖުލައި 01 ވަނަ ދުވަހު މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އޮޕަރޭޝަނަލައިޒް ކުރުމާއިއެކު، ދުވަހުން ދުވަހަށް މާލޭ ޓްރާންސްފަރ ސްޓޭޝަނަށް ގެނެވޭ ކުނި، ކޮންޓެއިނަރުތަކުގައި ކ. ތިލަފުއްޓަށް ގެންދިއުމުގެ އަމަލީ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހެޔޮނުވާނެ ތި ފެލަނީ ރައްޔިތުމީހާއޭ ! ޢެނގިލައްވާތޯ ތިފަރާތުން ޕިކަޕްތަކުގެ އަގު ބޮޑުކުރީމަ ޕިކަޕްތަކުން ނޮޅާލަނީ ރައްޔިތުމީހާ ، މިހާރު މާލެ ޙުޅުމާލެ ، ގޭގެއިން ޑަބިޔާއެއް އެއްލާލަދޭން ޕިކަޕަކަށް އެރުވިޔަސް ނަގާ -/750 ރ ، ހެޔޮވާނެތަ !