އައްޑޫ ސިޓީއަށް ޗައިނާގެ އެކި ޕްރޮވިންސްތަކުން ޑައިރެކްޓު ފްލައިޓު ގެނެވޭނެގޮތަކާއި މެދު، ޗައިނާ އީސްޓަން އެއާލައިންގެ ބޭފުޅުންނާއި މަޝްވަރާކުރައްވާފައިވާ ކަމަށާއި އެކަން ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރާއްޖެއަށް މި އަހަރު އައި އެއް މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ، ޗައިނާ އީސްޓަން އެއާލައިންގެ ބޭފުޅުން ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށާއި އައްޑުއަށް ޗައިނާގެ އެކި ޕްރޮވިންސްތަކުން ޑައިރެކްޓް ފްލައިޓް ގެނެވެނޭ ގޮތް ހެދުމަށް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ޗައިނާ އައިޓީބީ ފެއާގައި ޗައިނާ އީސްޓަން އެއާލައިންއާއިއެކު ވެސް އެ ކަމާއި ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އެންމެ ފަހުން ޗައިނާ އައިޓީބީގައި އީސްޓަން އެއާލައިންއާއިއެކު އެވާހަކަ މަޝްވަރާކުރިން، އައްޑުއަށް ޗައިނާގެ އެކި ޕްރޮވިންސްތަކުން ޑައިރެކްޓު ފްލައިޓު ގެނެވޭނެގޮތަކާއި މެދު، އެ ބޭފުޅުން ވަރަށް އަވަހަށް ޗައިނާ އީސްޓަން އެއާލައިނުން ރާއްޖެ އަންނާނެ. އައިސް މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ކުރިޔަށް އޮތްތާނގައި ކުރެވޭނެ ކަމުގެ އުއްމީދު ހަމަ ބޮޑު." ފައިސަލް ވިދާޅުވިއެވެ.

އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރަކަށް ނުކުރެވިފައި އޮތް ކަމެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތް ކެނޑިނޭޅި ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޝަންގްރިއްލާ ރިސޯޓު ކައިރި މުސްތަޤުބަލެއްގައި ހުޅުވުމަށްފަހު 400 އެއްހާ ވަޒީފާ ހުޅުވިގެންދާނެ ކަމުގެ އިޝާރާތެއް ވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގައި އަޕްމާކެޓަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ރިސޯޓެކެވެ. އެ ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި 2 ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބޮޑު މިނުގައި ފަސް ލައްކަ ފަސް ހާސް އަކަ މީޓަރު ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަނުގ

    މީހުން ދާން ބޭނުންވާ ތާކަށް ނުހަދާތި. އިންޑިޔާ، މެލޭޝިޔާ ކަހަލަ ތަންތަނަށް ހަދާނަމަ އެއްނު.

  2. މުރުސީދާ

    އައްޑޫގެ އެކިއެކި އަވަށްތަކަށް ގެސްޓުން ގެންދަންވެގެން ކަލޭ ޗައިނާ އަށް ގޮސް ދެއްކި ވާހަކަ އިގިރޭސި ބަހުން ބުނަން އެގިލައްވާނެ އެކަން ކޮށްލަ ދީފިނަމަ، ކަލޭ ތިކިޔާ އެތި ގަބޫލު ކުރަން ތަންކޮޅެއް ފަސޭހަވާނެތީ ފުރަތަމަ އަށް އެކަން ކޮށްދޭށެވެ.

  3. ހަންޑިކުޑަ

    ވަޒީރޫ ! އެއީ ބަޒާރު މަތީގައި ވިއްކަން ހުންނަ އެއްޗެއްތޯއެވެ. ބޭނުން ވީމާ ބޭނުން ވާ ވަރަށް ބޭނުން އިރަކުން ގެނެވޭ އެއްޗެއްބާ!