ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ފެށި އޮޕަރޭޝަން "ކުރަނގި"ގެ މަސައްކަތް ކ. މާފުށީގައި ފަށާފައިވާއިރު އަމާޒަކީ މިއަދުގެ ނިޔަލަށް އެރަށުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ނަގާ އެއްކުރުން ކަމަށް ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާ އިން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު ކ. މާފުށިން މިހާތަނަށް 805 ބިދޭސީންގެ މައުލޫމާތު ވަނީ ނަގައިފައެވެ.

"އޮޕަރޭޝަން ކުރަނގި" ކ. މާފުށީގައި ކުރިއަށް ދަނީ ފޮޓޯ: ވުޒާރާ

ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުންނާއި އިމިގްރޭޝަނާއި ގުޅިގެން އެ ވުޒާރާއިން "އޮޕަރޭޝަން ކުރަނގި" ފެށީ މެއި ދޭއްގައެވެ. ފުރަތަމަ މި މަސައްކަތް ފެށީ ކ. ހިންމަފުށީގައެވެ. އެރަށުގައި މެއި 19އާ ހަމައަށް 705 ބިދޭސީންގެ މައުލޫމާތު ނަގާފައި ވެއެވެ.

ޖޫން 13 ވަނަ ދުވަހު އެ މަސައްކަތް މާފުށީގައި ފެށިއިރު ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ މާފުށީގައި ކުރިއަށްގެންދާ ކުރަނގި އޮޕަރޭޝަންގައި އެހާތަނަށް 805 ބިދޭސީއެއްގެ މައުލޫމާތު ނަގާފައިވާ ކަމަަށެވެ.

ރާއްޖޭގެ އާބާދީ ބޮޑު 5 ސަރަހައްދެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް އެ ވުޒާރާއިން ނިންމާފައިވެއެވެ.

ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވަޒީރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ހޯމް މިނިސްޓްރީގެ މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދޭނެ ކަމަށެވެ. އަދި އެ މައުލޫމާތު އަދާހަމަކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ.