ރާއްޖެ އިޝްތިހާރު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކުންފުނީގެ ހައިސިއްޔަތުން ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) މެނޭޖިން ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝިއުރީ ވަނީ ޤައުމުގެ އިޤްތިސާދު ހަމަމަގަށް އަޅުވައި މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެ ނިންމެވުމަކީ މި ވަގުތު ޤައުމަަށް އެންމެ މަންފާ ކުރާނެ ނިންމެވުން ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ނިންމެވުން ތަންފީޒު ކުރެއްވުމުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށާއި ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝިއުރީ ވިދާޅުވިއެވެ.

"ދިވެހިރާއްޖެ އިސްތިހާރު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކުންފުނީގެ ހައިސިއްޔަތުން ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް އަރުވަން،" ޝިއުރީ ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އޭގެ އިތުރުން، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ވެސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބޭއްވުމަށް ރައީސް އަންގަވާފައިވާއިރު، މި ސަރުކާރުން އަންނަނީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުވައްވަމުންނެވެ. އެގޮތުން މާލީ ވުޒާރާއިން ވެސް ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އަދި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅަން ނިންމާފައިވާ ކަމަށް ބުނެފައެވެ.