ބޮޑެތި ގައުމުތަކުގެ ކުރިއެރުމުން ކުދި ގައުމުތަކަށް ވެސް ފައިދާ ކުރާނެކަން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ އެއްބާރުލުމުން ސާބިތުވާކަމަށް ރާއްޖޭގެ އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 25 އިން 27 އަށް ބޭއްވި 25 ވަނަ ސަމާ ޑާވޯސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ބެއިޖިންގ ޑެއިލީއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ފާހަގަކުރެއްވީ، ޗައިނާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމާއި ޗައިނާގެ އިތުރު ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރިއަށް ހެޔޮ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި އިންވެސްޓްކޮށް އިމާރާތް ކުރާ ޗައިނާގެ ގިނަ ވިޔަފާރިތަކެއް ވެސް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ ޗައިނާ ފަދަ ބޮޑެތި ގައުމުތައް ކުރިއަރައި ދިޔުމުން އޭގެ ފައިދާ ކުދި ގައުމުތަކަށް ވެސް ކުރާނެ ކަމަށެވެ. އަދި އިގުތިސާދީ ގޮތުން ކުރިއެރުން ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ ފަދަ ކުދި ގިނަ ގައުމުތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޓަކައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި އެ ގައުމުތަކުގެ ރެޒިލިއަންސް ހަރުދަނާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އިން އެހީތެރިވެދޭކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެ ފަދަ ގައުމަކަށް ޗައިނާގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމު ކަމަށާއި ރާއްޖެއަކީ ވަރަށް ކުޑަ އިގްތިސާދެއް ކަމަށާއި ޗައިނާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް އިގްތިސާދު ކަމަށް ސައީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް، އިންޑިއާ ކަނޑުގެ މެދުގައި އޮންނާތީ ރާއްޖެއަކީ، އިރުމައްޗާއި ހުޅަނގު ގުޅާލުމުގެ މުހިންމު ރޯލެއް އަދާކުރާ ގައުމެއް ކަމަށެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންއަށް އިޝާރާތް ކުރައްވައި ވަޒީރު ސައީދު ވިދާޅުވީ، ބެއިޖިންއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަރަށް ގިނައިން ލިބިވަޑައިގަންނަވާ ކަމަށާއި އެކުވެރި، ފެހި، ސާފު އަދި ހިތްގައިމު އެ ސިޓީ ވަރަށް ކަމުދާ ކަމަށެވެ. ބެއިޖިންއަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ތަފާތު ރެސްޓޯރެންޓްތަކުން މީރު ކެއުންތަކުގެ ރަހަ ބަލައި، ބެއިޖިންގެ މެހެމާންދާރީގެ އުފާ ލިބިގަތުމުގެ ފުރުސަތު ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރާއްޖެއަށް އިތުރު އެއްބާރުލުމާއި ތަރައްގީ ބޭނުންވާއިރު، އުއްމީދަކީ ޗައިނާގެ އިތުރު ފަތުރުވެރިން ޒިޔާރަތްކޮށް، ޗައިނާގެ އިތުރު ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓް ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދސދސ

    ކަލޭ އިންޑިޔާ އާއި ޗައިނާ އަށް ގޮސް އެ ދެގައުމު ތަރައްގީ ކޮށް ބަލާށެވެ. އެމީހުންގެ އަތުގަ ގުދުރަތީ ވަސީލަތްތަކާއި ސިކުޑީގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ހޯދާފައިވާ ފައިސާ އެބަހުއްޓެވެ. އެމީހުން ތަރައްގީވެ ނިމުމުން މިގައުމުވެސް އޭގެ ކޮންމެވެސް ވަރެއް ވާނެކަމަށް ކަލޭ ތިބުނަނީ ވިއްޔާ. ގައުމު މުހިއްމު ބަހާތަކުގައި މިލެވެލްގެ މީހުން ތިބެގެނެއް ވާނީ ކޮންފައިދާއެއްތޯ.