ރިޔާސީ އިންތިހާބުގައި ބައިވެރިވި ކެންޑިޑޭޓް ޙަސަން ޒަމީލް ހުށަހެޅި މާލީ ބަޔާނަކީ އިންތިހާބުތަކާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާތީވެ، އިލެކްޝަންސް ކޮމިޝަންސް އޭނާ ޖޫރިމަނާ ކުރިކުރި މައްސަލަ ސިވިލް ކޯޓުގައި ދައުވާކޮށް، އެ ކޮމިޝަންގެ ނިންމުން ބާތިލް ކުރުމުން އެ ދައުވާ އަނބުރާ ގެންގޮސްފިއެެވެ.

ސިވިލް ކޯޓުގައި އިލެކްޝަން ކޮމިޝަނުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޒަމީލް އަދި ޒަމީލްގެ ރަސްމީ އިންތިހާބީ އޭޖެންޓް ޖޫރިމަނާ ކުރަން ނިންމު ނިންމުމުގައި، އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނުގައި ބުނެފައިވާ ފަދައިން ކުރި ކުށުގެ ކުޑަ ބޮޑު މިނަށް ބަލާފައިނުވާތީ، ކުރި ކުށުގެ ކުޑަބޮޑު މިނަށް ބެލިގޮތް މުރާޖައާ ކުރުމަށާއި ކޮށްފައިވާ ޖޫރިމަނާގެ މިންވަރު މުރާޖައާ ކުރުމަށް އެ ކޮމިޝަނަށް އަންގަވައިދެއްވުމަށް އެދިއެވެ.

ޒަމީލް ހުށަހެޅި މާލީ ބަޔާނަކީ އިންތިހާބުތަކާބެހޭ ޤާނޫނުނާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާތީ އެ ކޮމިޝަނުން ވަނީ ހަސަން ޒަމީލް 20،000 ރުފިޔާއިން ޖޫރިމަނާކޮށް އަދި އޭނާގެ ރަސްމީ އިންތިހާބީ އޭޖެންޓް، އޭނާގެ ދަރިފުޅު، އަހްމަދު މަރްހާން ޒަމީލް 6000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައެވެ.

މި ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ޒަމީލް އާއި އޭނާގެ ދަރިފުޅު އަހްމަދު މަރްހާން ޒަމީލް ސިވިލް ކޯޓުގެ މީގެ ކުރިން އެދުމުން އެކޯޓުން ނިންމީ ވަގުތީ އަމުރެއް ނެރެދޭނެ ތަނެއް ނެތް ކަމުގައެވެ.

27 ޖޫން ގައި ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ، އިލެކްޝަން ކޮމިޝަނުން ޒަމީލް އަދި އޭނާގެ ދަރިފުޅު ޖޫރިމަނާ ކުރަން ނިންމި ނިންމުން ބާތިލްކުރުމަށް ނިންމާފައިވާކަން އިލެކްޝަނުން އެ ފަރާތަށް އަންގާފައިވާތީވެ، ޒަމީލްގެ ފަރާތުން ހުށަހަޅާފައިވާ ދައުވާ އެއްކޮށް އަނބުރާގެންދިއުމަށް އެދިފައިވާ ކަމަށެވެ. އަދި ދައުވާކުރާ ފަރާތުން އެދުނު ފަދައިން އެ ދައުވާ އަނބުރާ ގެންގޮސްފައިވާކަމަށް ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު