މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުން އަންނާތީ ހުރިހާ ރައްޔިތުން ވެސް އެކަމަށް ސަމާލުވުމަށް އެ ޕާޓީން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ނަމުގައި ސްކޭމް މެސޖުތަކެއް ދައުރުވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މެސެޖުތައް ފޮނުވަމުން ދަނީ އެމްއެންޕީ ޝޯޓުކޯޑު މެދުވެރިކޮށް ކަމަށެވެ.

މިމސެޖުތަކަކީ އެޕާޓީގެ ފަރާތުން ފޮނުވާފައިވާ މެސެޖުތަކެއް ނޫން ކަމަށާއި މެސެޖުތަކަކީ އެޕާޓީއާއި ގުޅުން ހުރި މެސެޖުތަކެއް ނޫން ކަމަށް ވެސް އެމްއެންޕީން ވަނީ ބުނެފައެވެ.

"މިއީ މިޕާޓީގެ ނަން ބަދުނާމުކޮށް، އަދި ރައްޔިތުންނަށް އޮޅުވާލައި އެކި ފަރާތްތަކުގެ އަތުން ލާރިހޯދުމަށް ބަޔަކު ކުރާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް" އެމްއެންޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެ އެ ޕާޓީން ވަނީ ހުރިހާ ރައްޔިތުން ވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެންޕީން ވަނީ ކަމާއި ބެހޭ އިދާރާތަކަށް އެ މައްސަލަ ހުށަހަޅައި އެކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.