ލ. ދަނބިދޫގައި މޫދަށް އެރި އުޅުނު ދިވެހި އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ފަޒީލް "ވަގުތަށް" މިރޭ ވިދާޅުވި ގޮތުގައި މޫދުގައި ނިޔާވެފައި އޮއްވައި ފެނުނީ އުމުރުން 65 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާއަކީ އާންމުކޮށް މޫދަށް ގޮސް އުޅޭ އަންހެނެއް ނޫން ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ.

ނިޔާވެފައި އޮއްވައި ފެނުނީ އެ ރަށު ނިޔަދުރުމާގެ، އައިމިނަތު އުމަރެވެ.

އެ އަންހެން މީހާއަކީ އާމްދަނީ ހޯދުމަށް ފަންގިވިނުމުގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އެމީހާ އެ ރަށުގައި ދިރިއުޅެނީ ދެމަފިރިއަކާ އެކުގައެވެ.

"އެ އަންހެން މީހާ މިއަދު ފަންގިވިންނަން އުޅެފައި އަސުރުގެ ކުރިން، ގާތްގަނޑަކަށް 3:30 ގެ ކުރިން މޫދަށް ދިޔައީ." ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވި ގޮތުގައި އެ އަންހެން މީހާ މޫދުގައި ނިޔާވެފައި އޮއްވައި ފެނިފައި ވަނީ މިއަދު ހަވީރު 4:50 ހާއިރެވެ.

"މޫދުގައި ނިޔާވެފައި އޮތީ ފެނުނު އިރު، ގާތްގަނޑަކަށް 100 ފޫޓު ދުރުން އޮޔާ ދަނިކޮށް ފެނުނީ،" ފަޒީލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ދަނބިދޫ އިރުމަތީ ފަރާތު ކޯޒްވޭ ސަރަހައްދުގައި މޫދުގައި މީހަކު އޮޔާދަނިކޮށް ފެނިގެން ހެލްތު ސެންޓަރަށް ގެންދިޔަ ކަމުގެ ރިޕޯޓު ލިބުނީ ހަވީރު 16:55 ހާއިރު ކަމަށެވެ. ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.