މާލޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 50 ބިދޭސީން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަ ކަމަށް މީސްމީޑިއާގައި ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ ދަނޑިވަޅެއްގައި މިއަދު ފުލުހުން ވަނީ އެފަދަ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިމިގްރޭޝަނާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިރޭ ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން 50 ބިދޭސީން ހައްޔަރުކޮށް، އިމިގްރޭޝަނާއި މިއަދު ހަވާލު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ލޯކަލް މާރުކޭޓާއި މާލޭ ތެރޭގައި ހިންގާ މާރުކޭޓްތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅުނު 50 ބިދޭސީން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާއިރު، ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ވެސް ފަށާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ކ. މާފުށިން މިހާތަނަށް 1076 ބިދޭސީންގެ މައުލޫމާތު ވަނީ ނަގާފައެވެ. އަދި ހިންމަފުށިން ވަނީ 700 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި ރާއްޖޭގެ އާބާދީ ބޮޑު 5 ސަރަހައްދެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންނަރުމާ

    ހުޅުމާލެ މެޑަމް މިސްކިތް ކައިރި ކާރު ފޮހެން ހާދަ ގިނައިން އުޅެޔޭ.

  2. Anonymous

    އެންމެ 50 ތޯ އުޅެނީ. ތިޔަ ބޭފުޅުން ބޮޑު 6 ވަރަކަށް ޕިކަޕް ހިފައިގެން ނުކުތަސް ދެތިން ގަޑިއިރުތެރޭ ޕިކަޕްތައް ފުރާލެވޭވަރުވާނެ. ހާހުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެންމެ ބްލޮކަކުންވެސް ނެގޭނެ އެވަރަށް އެބައުޅެ.