ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިއްޔެ ހިންގި އޮޕަރޭޝަންގައި އަމިއްލަ ވިޔަފާރި ކުރާ ބިދޭސީން ފެނިފައިވާ ކަމަށާއި އެ އެންމެން ވެސް ޑީޕޯޓްކޮށްލާނެ ކަމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ރޭ ވިދާޅުވެއްޖެއެވެ.

ޝައްމާން އެގޮތަށް ވިދާޅުވިއިރު، މާލޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 50 ބިދޭސީން އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. ފުލުހުން ހިންގި އޮޕަރޭޝަންގައި މި މީހުން އަތުލައިގަތީ ލޯކަލް މާރުކޭޓާއި މާލޭގައި ހިންގަމުން އަންނަ އެހެން މާރުކޭޓުތެރޭގައި ވިޔަފާރި ކުރަން ތިއްބައެވެ.

ޝައްމާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މީހުންގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ މީހުން ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެ ކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށްވީ ހިނދު، މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާ ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އޮޕަރޭޝަންގައި، ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމާ އެކު، މާލެތެރޭގައި ހިންގާ މާރުކޭޓުތަކުގައި ހުރި ބައެއް ގޮޅިތައް ބަންދު ކުރަން ޖެހުނެވެ. އެއީ އެ ގޮޅިތައް ހިންގަން މުޅިންހެން އުޅެނީ ބިދޭސީން ކަމަށްވާތީއެވެ.

ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ވެސް ފަށާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ކ. މާފުށިން މިހާތަނަށް 1076 ބިދޭސީންގެ މައުލޫމާތު ވަނީ ނަގާފައެވެ. އަދި ހިންމަފުށިން ވަނީ 700 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައެވެ. އެ ވުޒާރާއިން ބުނި ގޮތުގައި ރާއްޖޭގެ އާބާދީ ބޮޑު 5 ސަރަހައްދެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފޫނެތްފަޔައްފެންފުރުން

    އަދިވެސް އެތެރެއެބަކުރޭ ހެސްކިޔާފަ މަދު ދިވެހިން އަޑީގަ ތިބެ ފިހާރަތައް ނަގާ ފަހިންގަނީ އެމީހުން ދިވެހިމީހާޔައް 1500 ރުފިޔާ މަހަކު ދޭގޮތައް މިތަންތަން ބަލަންވީންނު

    18
  2. Anonymous

    މި ނޫނީ ދުނިޔޭގަ ނޯންނާނެ ބޭރުން މީހުން އަރާ ވިސާ އެއް އެއްޗެއް ނެތި ތަފާތު ވިޔަފާރި ކުރާ ބަޔަކު އުޅޭ ތަނެއް! މަސްވެރި ކަމުގަ ވެސް މި މީހުން! އެކަމަކު މިތާ ވެސް އިމިގްރޭޝަނެއް އޮވޭ! ދިވެިން މީ ކީކުރާ ބައެއް! މީ ގައުމެއްތަ! ރައްވެހިން މި ތބެނި ބެކާރު ވެފަ! މީތަ ހައްދު ފަހަނަ އެޅި މުސްލިމް ގައުމު ތަކުގެ ހާލަކީ! އެކަމަކު އެ ފަދަ ގައުމު ތަކުގަ ތެޔޮ ހުރޭ! ތެލުގެ ނަފާ ގައުމުގެ މީހުންނަށް ލިބޜޭ! މީ އެއވެސް ވަސީލަތެއް ހުރި ތަނެއް ނުން ! މީ ބަންގްލާދޭޝް އައްޑާ އެއް ގައުމެއް ނުން

    20
    • ހުމް

      ވާނެ އެއްޗެއް ވީމަ، ތިޔަކަހަލަ ވާހަކަ ދައްކަން ދިވެހިންނަށް އެނގޭނީ، ،، މި ދަރަޖައަށް ބިދޭސީން މަސައްކަތްތަކަށް ގެންނަން ޖެހުނީ ދިވެހިން ކަންނެތްވެގެން ފޮނިބޮނޑުވެ، ބޮޑާ ކަމުން، އާޚިރުގަ،، ދިވެހި ޒުވާނުން މަސްތުވާތަކެތި ބޮއެގެން ގެއިން ނެރޭ
      ކުނިކޮތަޅު ހާވަން ތިބެފަ ގަޢުމުން ބޭރުން މަސައްކަތް ކުރަން ގެނައި ބިދޭސީން ވިޔަފާރިކޮށް މުއްސަނދި ވެގެން މި ގަޢުމުގެ އިގްތިސާދު ހަލާކު މިވަނީ...

      18
      3
  3. ޙުލހ

    ހުޅމާލެ ސަންސެޓް ކަންމަތިން ފެށިގރން ދެފަރާތުގަ ވަށާ އެއޮތި ތި ވިޔަފާރިތައް

  4. ހެ

    މީ ދޯ ސަރުކަރެއް އޮތުމުގެ ބޭނުމަކީ، އަދި ތަންފީޒީ އިދާރާ ތަކުގެ ބެނުމަކީ، މިފަދަ ކަންކަން އިތުރަށް ރަނގަޅުކޮށް ބެލުމަށް ސަރުކާރަށް ގޮވާލަން. މަރު ހަބާ

  5. ހައިދުރޫސް

    މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭ ރަށްރަށުގައިވެސް ޢިމާރާތުގެ ވެރިމީހާ ގެ ނިވާފަތްގަޑުގައި ހިންގާ ފިހާރަ ، ރެސްޓޯރަންޓް/ހޮޓާތައް ބައިވަރު. ޢިމާރާތްކުރުމާ ވަޑާމާ މިހެންގޮސް ބޯކޮށުމާ ފެހުމާ ކުނި އުކުމުގެ ޚިދުމަތްދެނީވެސް ހަމަ ބިދޭސީ ގްރޫޕްތަކުން. ބަލަންވީ ފާސްކުރަންވީ ޗެކް ކުރަންވީ. އަޅާ ފިޔަވަޅެއް އަޅަންވީ ...

  6. މުފައްކިރު

    ޏ. ފުވައްމުލަކު ގައި ވެސް ފުޅާ ދާއިރާއެއްގައި ބިދޭސީން އެކި ކަހަލަ ވިޔަފާރި އެބަކުރޭ. އޭގެ ތެރެއިން ފުވައްމުލަކު ގައި އުފައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް، ކުރުނބާ ، ކެޔޮ ގަނެގެން އެތަކެތި މާލޭގެ މާރުކޭޓަށް ފޮނުވައި ބޮޑު ޢާމްދަނީ އެއް ހޯދަމުންދޭ. މިފަދަ ކަންކަން ބަލަން ޖެހެނީ ގިނަ ޢަދަދެއްގެ ފައިސާ ޑޮލަރަށް ހަދައި ބޭރު ގައުމުތަކަށް ފޮނުވާތީ. އަދި ދިވެހީންގެ ވިޔަފާރި ބޭރު މީހުންގެ އަތްމައްޗަށް ގޮސް ދިވެހި ނަފާ ދިވެހީންނަށް މަދުވާތީ.

  7. ނާފިސާ ހަލީމްދީދީ

    ބިދޭސަިންގެ ވިޔަފާަރިތައް ހުއްޓުވަންޖެހޭ. ވަގުތުން ފިޔަވަޅު އަޅަންޖެހޭ. ކަންމަތީ ވިޔަފާއި އާއި ރީޓެއިލް ވިޔަފާރި ބޭރުމީހުންނަށް މިތާ ކުރެވިގެން ނުވާނެ!! ރާއްޖޭމީހުންނަށް ލަންކާގަ، އިނޑިއާގަ، ބަންގާޅުގަ ކަންމަތީ ފިހާރަ ނުހުޅުވޭނެ. މިގައުމުގެ ވެރިން ކަމުނުދާތީ މި ދަރަޖައަށް މިވެއްުޓުނީ!!