ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ ދަރަނި އިތުރުކޮށް އާމްދަނީ އިތުރުނުވާ ފަދަ ކޮރަޕްޓް މަޝްރޫތަކެއް ހިންގި މަންޒަރު ފެނިގެންދިޔަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން ވިދާޅުވިއެވެ.

އަޒާން މިހެން ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހެޅި ދަރަންޏާ ބެހޭ ބިލަށް މިއަދު ބޭއްވި ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.

އަޒާން ވިދާޅުވީ، ދަރަންޏާ ބެހޭ ބިލްގައި ގައުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ހިމަނާފައި އެބަހުރި ކަމަށެވެ. ދަރަނި ނެގޭނެ ގޮތްތަކާއި މެނޭޖް ކުރެވޭނެ ގޮތްތަކާ އަދި ދަރަންޏާ ގުޅޭ މައުލޫމާތު އެ ބިލްގައި ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ފަހަރަށް ދަރަނި މެނޭޖް ކުރާނެ އޮފީހެއްް އެކުލަވާލުމާށް ވެސް ހިމަނާފައިވޭ. މިއީ ވަރަށް މުހިންމު ކަމެއް. މި އޮފީހާއެކު ދަރަންޏާ ގުޅޭ ސާފު ސައްހަ މައުލޫމާތު ދިވެހި ރައްޔިތުންނާ ބޭރުގެ ފަރާތްތަކަށް ވެސް ލިބިގެންދާނެ. އޭގެ އެންމެ ބޮޑު ފައިދާއަކަށް ވާނީ ބޭރުގެ ކެޕިޓަލް މާކެޓްތަކުން ރާއްޖެއަށް ފައިސާ ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދިޔުން." އަޒާން ވިދާޅުވިއެވެ.

ގައުމުގެ ދަރަނީގެ މިހާރުގެ ހާލަތަށް އަލި އަޅުވާލައްވަމުން އަޒާން ވިދާޅުވީ، ދައުލަތުގެ ދަރަނި އޮތީ އަތް ނުފޯރާ ފަށަށް ގޮސްފައި ކަމަށެވެ. އެގޮތުން ގައުމު 120 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ. އެ ހާލަތު އުފެއްދީ މި ސަރުކާރަކުން ނޫން ކަމަށާއި ވެރިކަމާ ހަވާލުވީއިރު ވެސް ދަރަނީ އޮތީ 120 ބިލިއަނަށް އަރާފައި ކަމަށް އަޒާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރަނި ނެގުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު އެ ފައިސާ ބޭނުންކުރާ ގޮތެއްގެ ސަބަބުން އާހިރުގައި ހިތި ނަތީޖާތަކެއް ނިކުންނަ ކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މިދިޔަ ސަރުކާރުން ދަރަނި އިތުރުކޮށް، އެ ފައިސާ އިން ހިންގީ އާމްދަނީ ނުވަންނަ ފަދަ މަޝްރޫއުތަކެއް ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީ ވެރިކަމުގައި 60 ބިލިއަން ރުފިޔާއިން ދަރަނި އިތުރު ކުރިއިރު އާމްދަނީ ވަންނާނެ އިތުރު ކަންތައްތަކެއް އެ ފައިސާއިން ކުރެވިފައެއް ނުވޭ. ދަރަނި ނަގައިގެން މައިގަނޑު ކަމަކަށް ކުރީ ރިކަރަންޓް ހަރަދު އިތުރު ކުރުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގައި މަޝްރޫތައް ހިންގައި އެ މަޝްރޫތަކަކީ ރާއްޖެއަށް އެއްގޮތަކަށް ވެސް ފައިސާ ވަންނާނެ ފަދަ އިގްތިސޯދު ފުޅާވާނެ ފަދަ ކަމެއް ނުކުރެވުނު ތަން ފެނިގެން ދިޔައީ. މިސާލަކަށް ފެނަކައިން އެކި ރަށްރަށްގައި ޒަމާނީ އިންޖީނުގެ އަޅައި އަސްލު އަގާ ނުބައްދަލު އަގުތައް ކިޔައި ބަޔަކު މުއްސަދިވިތަން ފެނުނީ. އެކި ރަށްރަށުގައި މަލްޓި ޕާޕަސް ހޯލް އެޅުމުގެ ނަމުގައި ކޮރަޕްޓް މަޝްރޫތައް ފެނިގެން ދިޔައީ. އެ ސަރުކާރުން އެގޮތަށް އަމަލު ކުރުމުން ޖެހުނީ އެ މީހުން އުފެއްދި ދަރަންޏަށް އަޅުގަނޑުމެން ހަވާލުވާން." އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، މި ސަރުކާރުން އެކަންކަން މެނޭޖްކުރުމަށް ހުށަހެޅި ބިލަކީ ކުރިއަށް އޮތްތާއި އެހެން ވެރިކަމެއް އަޔަސް އެގޮތަށް ދަރަނި ނެގުން ތަކުރާރު ނުކުރެވޭނެ ފަދަ ބިލެއް ކަމަށެވެ.

ދައުލަތުގެ ދަރަނި އިތުރުވެ، މާލީ ހާލަތު ގޯސްވެފައިވާއިރު، ހަރަދު ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ. އެގޮތުން، މުވައްޒަފުންނަށް ކުރަން ޖެހޭ ހަރަދު ކުޑަކޮށް، ޖީއެސްޓީއާއި އެހެނިހެން ފީތައް ބޮޑުކޮށް، ކޮންމެހެން ބާއްވަން ނުޖެހޭ ހަފްލާތައް ނުބާއްވަން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީ

    ތިމަން މަނިކުފާނުގެ ވެރިމީހާ ވިދާޅުވިއެވެ. " ކުރީ ސަރުކާރޭ ކިޔައި، ކަމުން ނުރެކޭނަމެވެ." ވެރިޔާއަށް ކިޔަމަންވުމަކީ ބަހާ ޢަމަލުން ކިޔަމަންވުމެވެ.

  2. ޗިކޮއި

    ކޮބާ އިންޑިޔާ ސިފައިން ކޮންތާކުތަ ތިބީ މިހާރު ހުންނާނީ އެއްޗެއްވިސްނިފަ ތި ކައްޒާބު ގެ ކުދި ކައްޒާބުން

  3. ސާމް

    މި ސަރުކާރުން ވެސް ހުސް އާމްދަނީ ނުވަންނަތާނގަ ބޭރުމީހުންނަށް ރާއްޖޭގެ ބިމާއި އެސެޓުތަށްވެސް. ދެން މިވަރުން ވެރިކަން ނުކުރަންވީނުން. 7 މަސްވެގެން ދިޔަ އިރު އެންމެ ލޯލާރިއެއްވެސް ބޭރުން ނުގެނެވުނު. ހުސް ތުރުކީ ފުށައް ހުރިހާ ކަމެއް. 570 މިލިޔަންދީފަ މިއޮތް ދަނޑިވަޅުގައި ޑުރޯނެއް ގަތީ. މިއީތޯ ޒިންމާދާރުވުމަކީ.

  4. އިސް

    ފިނޭންސު މިނިސްޓުރީއާއި ހަވާލުވެތިބީ ޕޮލިސީމޭކިންގަ ތަޖުރިބާއެއްނެތް އަދި އެލްބޯޑު ޖަހައިގެން ފަރިތަކުރަންތިބި ސޮރުންތަކެކެވެ. ތަޖުރިބާ ހުރި ހަރުދަނާ ބަޔަކު އެތަން ލީޑުކުރަން ލާބަލަ. ކުޑަކުދިންތަކެއްގެ އަތްމައްޗައްދޫކޮއްފަ ހެވިފަ ތިއްބާ މިއޮއްގެން ޑީފޯލްޓުވަނިއްޔޭ.

  5. އަބްދޫ

    2008 ނިޔަލަށް ގައުމު ހިންގަމުންދިޔައީ ގައުމަށް ލިބޭ އާމަދނީއަކުން. ބަޖެޓް ރިކަރެންޓް ހަރަދަކީ މުސާރަދިނުމާއި އޮފީސް ހިންގުމުގެ މިހަރަދުތައކުރަންވާނީ ގައުމަށް ލިބޭ އާމަދަނިއަކުން. ބަޖެޓް ކެޕިޓަލް ހަރަދަކީ އޮފީސް އިމާރާތް ކުރުންފަދަ ދަވްލަތަށް އެކަމަކުންއާމަދަނީ ނުލިބޭނެ ހަރަދު.. އެގޮތުގެ މަތީން 2008 ނިމެންދެން ދިޔައީ ބަޖެޓް މެނޭޖް ކުރަމުން އޭރު ނަގާފާ ހުރި ދަރަނި ތަކަކީ އެދަރަނި ރޯލްކޮށްގެން ނަފާލިބޭކަންކަން އެއީ ފެލިވަރު ކޭނިން ފެންޓްރީ އައިސްޕްލާނަްޓް ތައް ކޫއްޑޫ މަސްފެްކްޓްރީ ގދ.ތިނަދޫ ހދ. ކުޅުދުއްފުށި އިންޖީނުގެ ލޯން.މި ހުރިހާކަމަކަށް 2009 ފެށުނު އިރު ލޯނުގެ ގޮތުގަ ހުރީ 9.5 ބިލިއން ރުފިޔާ. 28 ގަ ނަސީދު ވެރިކަމަށް އައިސް އާމަދަނިއާއި ހަރަދު މުރާޖައާކުރުމެއްނެތި މުސާރަތައް ބޮޑުކުރުމާި 700 ސިޔާސީ މަގާމަހަދާ ބޮޑެތި މުސާރަތައް ދިނުމުގެ ސަބަބުން ޓީބިލް ވިއްކައިގެން މުސާރަދިނުމަށް 3 އަހަރުތެރޭ 16.5 ބިލިއަން ރުފިޔާގެ ދަރަނި ވަނީ ނަގާފަ.7.2.12 އައި އިރުމި ދަރަނިން ނުފުދިގެން ބިލް ނުދެއްކި 2.5 ބިލިއން ރުފިޔާގެ ބިލް ފިނޭންސްގާހުރި ބިދޭސީނަގެ ޑިޕޮޒިޓް އެކައުންޓްތަކުގާހުރި 1.2 ބިލިއަން ރުފިޔާވެސް ވަނީބޭނުންކޮށްފަ ދަވްލަތގެ ރިޒާވްގާހުރި 254 މިލިއންޑޮލަރު ހުސްވެ އެއާޕޯޓާއި ފެންކުންފުންޏާއި ދިރާގު ވިއްކާލުމަށް ފަހު މުސާރަ ނުދެވިގެން 800 މިލިއންރުފިޔާ ސިވިލްސާވިސް މީހުނަށް މުސާރަނުދީ ހިފެހެއްޓިފާހުރި މިހިސާބުން ގައުމު ބަގުރޫޓް ވެއްޖެ.ދެންހެދިގޮތަކީ އަތޮޅުތަކާއި ރައްރަށުގެ ރައްޔިތުންގެ ނަމުގާހުރި އެކައުންޓތަކުގެ ފައިސާ 20 ބިލިއން ރުފިޔާ ބޭނުންކޮށްފި، ދިވެހިގައުމު ހާލުގަ ޖެއްސި ސަރކާރަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އޭގެފަހުން ވަހީދުގެ 2 އަހަރާއި ޔާމީނުގެ 5 އަހަރު ނަގަފަ ހުރީ އިންވެސްޓްމަންޓް ދަރަނި އެއީ ބޯހިޔާވެހިކަމަށް ފްލެޓް އިމާރާތް ކުރުމަށް ހިންގުނު މަސްރޫއުތަކުގެދަރަނި އިބްރާހިމަމުހަނމަދުސާލަހްގެ 5 އަހަރު ނަގަފަ ހުރި 62 ބިލިއންރުފިޔާގެދަރަންނަކީ އެއްވެސް އިންވެސްޓްމަންޓެއްނެތި ބަޖެޓް ދެކޮޅު ނުޖެއްސިގެން ނަގާފަ ހުރިދަރަނި މިއީ ގައުމަށް ވެފާހުރި ބޮޑު ހިޔާނާތެއް. މިކަންކަން ތަހުގީގުކޮށ ބަލަންޖެހޭނެ.

    2
    2
  6. ހަސަނުގ

    ލައްކައިން މުސާރަ ކާ ބައިގަނޑު، ކޮން ލާރި އެއްގެ ވާހަކަ މިކިޔަނީ. ކޮން ކަމެއް ކުރާތީ އޯ ލައްކައިން މުސާރަ ދެނީ؟