ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދަރަނި ނަގައި އެކި ފާޑުގެ ހަރަދާއި އިސްރާފާއި ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން ދައުލަތް ދަރާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާއި ބެހޭ ބިލުގެ ބަހުސްގައި ސައުދު ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ގައުމުތައް ބަނގުރޫޓް ވުމުގެ އެންމެ ބޮޑު އަސާސަކީ ބަލާނުލާ ނެގޭ ދަރަނި ކަމަށެވެ. އެހެންކަމުން ދަރަނި ނަގަންވާނީ އެ ދަރަނި ދެއްކޭ ވަރަށް ކަމަށާއި ދަރަނި ދެއްކޭނެ އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

މިދިޔަ ދައުރުގެ ތެރޭގައި ދުނިޔޭގެ ކަމާއި ބެހޭ އިދާރާތަކުން ރަތް އިންޒާރު ދެމުން ދިޔައިރު ވެސް އެކަމަށް އިސްކަން ނުދީ ޚަަރަދުތައް ކުރަމުންދިޔަ ކަމަށް ސައުދުﷲ ވަނީ ތުހުމަތުކުރައްވައިފައެވެ.

"މި ބިލަކީ ކޮންމެހެން ވެސް އަޅުގަނޑުމެންގެ ރާއްޖެއަށް ތައާރަފްކުރަން ޖެހިފައި އޮތް ބިލެއް. ގައުމުތައް މީގެ ކުރިން ވެސް ބަނގުރޫޓުވެފައި އޮތީ ދަރަނީގެ ސަބަބުން." ސައުދުﷲ ވިދާޅުވިއެވެ.

ދަރަންޏާއި ބެހޭ ބިލުގައި ދަރަނި މެނޭޖް ކުރުމަށް ކުރެވިދާނެ ކަންތައް ހިމަނާފައިވާކަން ސައުދުﷲ ފާހަގަކުރެއްވިއެވެ. އެގޮތުން:

  • ލޯނު ނެގޭނެ ގޮތް
  • ދަރަނި މެނޭޖް ކުރާނެ ގޮތް
  • ސޮވަރިންގ ގެރެންޓީ ދޫކުރާނެ އުސޫލެއް
  • ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ ކުންފުނިތަކުން ދަރަނި ނެގޭނެ ގޮތް
  • ދަރަނި މޮނީޓަރ ކުރުމާއި އޮޑިޓް ކުރުން އަދި ރިޕޯޓް ކުރުން

މި މާއްދާތައް ހިމެނޭ ގޮތަށް ޖުމްލް 44 މާއްދާ އެ ބިލުގައި ހިމަނާފައިވާފައިވާ ކަން ސައުދުﷲ ފާހަގަކުރެއްވިއެވެ. އެ ބިލް މުހިންމު ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ދަރަނި ނެގުމުގައި އެއްގޮތަކަށް ވެސް ބަލާލެވިފައި ނެތުމުން ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

"މިއީ ކޮންމެހެން ވެސް މުހިންމު ބިލެއް. ސަބަބަކަށް ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ދަރަނި ނެގުމުގައި އެއްގޮތަކަށް ވެސް ބަލާލެވިފަ ނެތީތީވެ. އާމްދަނީއަކީ ކިހާވަރެއްތޯ، ނަގާ ދަރަނި ދެއްކޭނީ ކިހިނެއްތޯ އެހާވަރަށް ބަލާލެވިފައި ނެތުމުގެ ސަބަބުން މިހާ ހިސާބަށް އަޅުގަނޑުމެން އަންނަން ޖެހުނީ." ސައުދުﷲ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، 2018 ވަނަ އަހަރު ނިމުނުއިރު ބައެއް ރަށްރަށުގައި ފެނަކައިގައި ތިބީ 5 މުވައްޒަފުން ކަމަށާއި 2023 ވަނަ އަހަރު ދައުރު ނިމުނުއިރު އެ ރަށްރަށުގައި އެ ކުންފުނީގެ 60 މުވައްޒަފުން ތިބި ކަމަށެވެ. ސިޔާސީ މަޤާމުތައް ކަމުގައިވިޔަސް މުވައްޒަފުން ވާނީ މުވައްޒަފުންނަށް ކަމަށާއި އެ ފަރާތްތަކަށް ދެވޭ މުސާރައަކީ ދައުލަތުން ކުރެވޭ ޚަރަދެއް ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ މިހެން ވިދާޅުވީ، މި ސަރުކާރުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި އުސޫލުތައް ހަރުދަނާ ކުރަމުން އަންނަ ދަނޑިވަޅެއްގައި، ސަރުކާރުގެ ނާޤާބިލިއްޔަތު ކަމުން ގައުމުގެ އިޤްތިސާދު ދަށަށް ދަނީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރުމާއި ގުޅިގެންނެވެ.

ސައުދުފ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ބައެއް ރަށްތަކުގައި ފެނަކައިގައި އެއް މެނޭޖަރުގެ މަސައްކަތަށް ހަތަރު ފަސް މެނޭޖަރުން ބައިތިއްބައިގެންނާއި އާބާދީއާ އެއްވަރަށް ފެނަކައިގެ މުވައްޒަފުން ނަގައިގެން ކުންފުނި ހިންގި ކަމަށެވެ. އޭގެ ސަބަބުން ގައުމުގެ ދަރަނި ބޮޑުވެ ގައުމަށް ނުކުޅެދުންތެރިކަން އަންނާނެ ކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ކުންފުނިތަކުގެ ދަރަނި ބޮޑުވަމުން އަންނަ މައްސަލަ 2020 ވަނަ އަހަރު، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަމަށާއި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މަޖިލީހަށް ހުށަހެޅި މައްސަލަ އޭރު އޮތް މަޖިލީހުން ނުުބަލައި ކަމަށް ވެސް ސައުދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހީމް

    އާމްދަނީ އަށް ނުބަލައިވެސް ދަރަނި ނަގަންޖެހޭ ޙާލަތެއް އައުމުން، އެކަން ކުރަންޖެހޭނެ ޤައުމު ހިންގުމަށްޓަކައި.

  2. އަލިބެ.

    މީހަކު ހޭބައްޔެއްނުވާނެތަ! ދަރަނި ދައްކަން އަދިވެސް އިރު އޮފީހެއްހަދައި މުވައްޒަފުންތަކެއް ނަގަންީއޯ! މިއޮތީ ސަރުކާރެއް ގެނެވިފައި.