މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޚަރަދު 10-20 އިންސައްތައާއި ދޭތެރޭގެ އަދަދަކަށް ކުޑަކުރަން ނިންމައި، ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، އެމްއޭސީއެލް އަކީ ވަރަށް ތަފާތު ދާއިރާތަކުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި ސަރުކާރުގެ ޚަރަދު ކުޑަކުރެއްވުމަށް ރައީސަށް އެޅުއްވި ފިޔަވަޅުތައް ކާމިޔާބު ކުރެއްވުމަށް އެ ކުންފުންޏަށް ވެސް މުހިންމު ރޯލެއް އަދާ ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ކުންފުނީގެ ޚަރަދު ކުޑަކުރުމަށް 10 ވަރަކަށް ދާއިރާ ކަނޑައަޅުއްވާފައިވާނެ ކަމަށެވެ. އަދި ހަރަދު 10 އިންސައްތަ އާއި 20 އިންސައްތައާ ދޭތެރޭގެ އަދަދަކަށް ކުޑަކުރައްވާނެ ކަމަށް ވިދާޅުވެ، އެކަން ހާސިލުކުރައްވަން އަޅުއްވާނެ ބައެއް ފިޔަވަޅުތައް ވެސް ފާހަގަކުރެއްވިއެވެ.

"އޭގެ ތެރޭގައި ތެލަށް ދާ ޚަރަދާއި ކޮންސިއުމަބަލްސަށް ދާ ޚަރަދާއި ފެނާއި ކަރަންޓާއި ދަތުރުފަތުރާއި ކުންފުނީގެ އެތެރޭގައި ކުރާ ޚަރަދާއި ކޮމިއުނިކޭޝަނާއި އިންވެންޓްރީ އަދި އެތެރޭގެ އިންވެންޓްރީތަކަށް ކުރާ ޚަރަދު ވެސް ހިމެނޭ. އަދި އެކި ހަރަކާތްތައް ބޭއްވުމަށް ކުރާ ޚަރަދުގެ އިތުރުން ބޭންކް ޗާޖަށް ކުރާ ޚަރަދު ވެސް ހިމެނޭ،" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

އެމްއޭސީއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

އެމްއޭސީއެލް އަކީ މި ސަރަހައްދުގެ ކަރަންޓް ޚަރަދު އެންމެ ބޮޑު އެއް ކުންފުނި ކަމަށާއި އެ ކުންފުނިން 24 ގަޑީއިރު ހިންގަންޖެހޭ އެކި މެޝިނަރީތައް ހުންނަ ކަމަށް ވެސް ވިދާޅުވިއެވެ. އެ ކަންކަމަށް ބޮޑު ހޭދައެއް ކުރައްވަންޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިހާރު ހުރި ޖެންސެޓްތަކަކީ އެންމެ ރަނގަޅު ހާލަތުގައި ހުރި ޖެންސެޓްތައް ނޫން ކަމަށާއި އޭގެ ސަބަބުން ޑީސަލްގެ ޚަރަދު ބޮޑުވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 15 ދުވަސްތެރޭގައި އައު ޖެންސެޓް ބޭނުންކުރަން ކުންފުނިން ފަށާނެ ކަމަށާއި އޭރުން ޑީސަލަށް ކުރާ ޚަރަދު 20 އިންސައްތަ ދަށްވެގެންދާނެ ކަމަށް އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

"ކަރަންޓް ހަރަދު ކުޑަކުރުމަށްޓަކައި ޕަވަރ އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓް އަވަސްކޮށްފައި، ކުރިއަށް އޮތް 15 ދުވަސް ތެރޭގައި އަޅުގަނޑުމެން އައު ޖެންސެޓްތަކުން ކަރަންޓް އުފައްދަން ފަށާނަން. މިކަން މިގޮތަށް ކުރުމުން ޑީސަލަށް ކުރާ ހަރަދު 20 އިންސައްތަ ދަށްވެގެންދާނެ،" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ، އެ ކުންފުންޏަކީ ފެން އުފައްދާ ކުންފުންޏެއް ކަމަށެވެ. ތަންތަން ފިނިކުރަނީ ފެން ބޭނުންކޮށްގެން ކަމަށާއި ފެން ބޭނުންކުރާ މިންވަރު ވެސް ބޮޑު ކަމަށް ވިދާޅުވިއެވެ. އެތެރޭގެ ހުރިހާ ޑިޕާޓްމަންޓްތަކުގައި މީޓަރު ހަރުކޮށް، ވަކި ޓީމެއް ނަގައއި ފެން އިސްރާފުވާ ދިމާލެއް ހުރިތޯ ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕްރޮޑިއުސްކުރާ ފެނަކީ އެ ޕްރޮޑިއުސް ކުރުމަށް ފެނާއި ކަރަންޓާއި އަދި އެހެން ކޮންސިއުމަބަލްސް ވެސް އެއަށް ދާ އެއްޗެއް. ފެން އުފައްދާ މިންވަރު މަދުކުރެއްވިޖެއްޔާ އަޅުގަނޑުމެންނަށް ފުދޭވަރެއްގެ ޚަރަދެއް ކުޑަކުރެވޭނެ،" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

ދަތުރުފަތުރަށް ކުރާ ޚަރަދުގައި އޮންލައިންކޮށް ތަމްރީނުތައް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ރާއްޖެއިން ބޭރުން މީހުން ތަމްރީނުކުރަން ޖެހިއްޖެނަމަ ޓްރެއިނަރުން ބޭރުން ރާއްޖެ ގެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. ދަތުރުފަތުރުގެ ޕޮލިސީ މުރާޖައާކޮށް އަދި ބިޒްނަސް ކްލާހުން ދަތުރުކުރުން ކޮންމެހެން މަޖުބޫރު ހާލަތެއްގައި ނޫނީ ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. ޓިކެޓްގެ ޚަރަދު ކުޑަކުރުމަށް ކުންފުނިން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

އެމްއޭސީއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

އޭގެ އިތުރުން، ބޭރަށް ފޮނުވާ ފައިސާއަކީ ބޮޑު އަދަދެއް ކަމަށާއި ބޭންކް ޗާޖު ބޮޑު ކަމަށާއި ބޭންކްތަކާއި ބައްދަލުކޮށް އެ އަދަދު ބަދަލު ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އިސްލާމިކް ބޭންކާއި ބޭންކް އޮފް އިންޑިއާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ޚަރަދު ކުޑަކޮށް ކޮމިއުނިކޭޝަން ވެސް ހިންގިދާނެ ކަމަށާއި މިއީ ކޮންމެ މޭޒަކަށް ލޭންޑްލައިނެއް ހުންނަން ޖެހޭ ޒަމާން ނޫން ކަމަށެވެ. ފޯނު ލައިންތަކަށް ކުރާ ޚަރަދު 60 އިންސައްތަ ދަށް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުންފުނީގެ މުއާމަލާތްތައް މިހާރަށްވުރެން ހަރުދަނާ ކުރައްވާނެ ކަމަށް ވެސް އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ. ކުންފުނީގެ އެތެރޭގައި އިންވެސްޓްކޮށްފައި ހުރި ޓެކްނޮލޮޖީގެ ބޭނުން ރަނގަޅު ގޮތުގައި ހިއްޕަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުންފުނިން ބާއްވާ އިވެންޓުތަކަށް ކުރާ ހަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށާއި، ކަރުދާސް މަދުކޮށް ޕޭޕާލެސް ކުންފުންޏަކަށް ވެސް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މުވައްޒަފުން މަދުކޮށް، މުސާރަ ކުޑަނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހިދުމަތްތައް ދޭން އުފެއްދި ކުންފުނިތަކުން ނަފާ ނުލިބޭއިރު ވެފައިވަނީ ދައުލަތަށް ބުރައަކަށް!

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. 12121

    ވަރަށް ރަގަޅު ވިސްނުން!!!!! ޙަރަދު ކުޑަ ކުރަން ޚަރަދު ބޮޑު އިންވެސްޓްްމަންޓްތަކާއި ކަޓްތައް ރޭވިގެންތިދަނީ!!!!!!!

  2. Anonymous

    އަހަރީ ބޯނަސް ކެޓީ..

    5
    2
  3. ައޮޅުއަލަ

    މި ވަރުގެ ހިންގުންތެރިން ބޭނުންވަނީ.ކަސްޓަމްސްގައި ހޭދަކުރި ދުވަސްތަކަކީ މުޅިކަސްޓަމްސް އަށް އިންގިލާބީ ހެޔޮބަދަލު ގެނުވި ދުވަސްތަކެއް. ސާބަޙޭ ސީޖީ

    3
    2
  4. އަޖައިބެއް

    ސިޔާސީމީހުން ގިނަކޮށް މަސައްކަތުމީހާއަަށް މެނޭޖަރުކަންދިނީމަ ހަރަދުކުޑަވޭ..... ؟؟؟؟

  5. އަހަންމާކަލޯ

    ސާބަހޭ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު، މަނިކުފާނަށް ވާނެ ކުރިއަށް ވަޑައިގަންނަވާ، މިހާރުވެސް ބައެއް ދާއިރާތަކަށް މުއަޒަފުން މަދުވެގެން އުޅޭއިރު މުއަޒަފުން މަދުނުކޮށް މުސާރަ ކުޑަ ނުކޮށް ހަރަދަދު ކުޑަކުރައްވަން އަޅުއްވާ ވިޔަވަޅުތަކަށް މުއަޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

    5
    2
  6. ހުސެއިން ޝާމް

    ބޯޓުތަކުގެ އިންޖިނޭރުންނަށް ދަތިވާ ވަރު ނުކުރާތި.ތިޔަކީ ވަރަށް ނާޒުކު މަސައްކަތެއް.އެއް ގޮތަކަށް ވެސް ޚަރަދު ކުޑަނުކޮށްވާ ނަމަ އެގޮތަށް އެކަން ކުރަންވީ.އެމް.އޭ.ސީ.އެލް ކޮމްޕެނީ އަދި މާ އަވަސް ފިޔަވަޅު އަޅަން،. ފުރަތަމަ ސިވިލް ސަރވިސް ކޮމިޝަން އާއި ސަރުކާރުގެ އިދާރާތައް އިސްލާޙު ކޮށްފަ އެހެން މަރުޙަލާ ތަކަށް ދާންޖެހޭނީ. ފިޔަވަޅު އެޅުމުގައި ބޮޑަށް ވިސްނަންވީ ކޮބާތޯ ޤަައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަޅުގަނޑުމެންނަށް ޑިބޭޓަކަށްވެސް ދެވިދާނެ. ވަރަށް ސަލާމް.

  7. ހަމަދު

    ހުރިހާ ކުންފުނިތައް ވެސް ދިރާސާކޮއް މިފަދަ ފިޔަވަޅުތައް އެޅީމާ ވަރައް ބޮޑުތަނުން ހަރަދު ކުޑަ ކުރެވޭނެ

    2
    2
  8. ހުސްނުވާ

    ސިޔާސީ މީހުންނޫން ހުރިހާ ޓެކުނިކަލް މީހުން ކަންޑާލާ ނޫނީ މުސާރަ ދައްކުރޭ އޭރުން ޚަރަދުކުޑަވާނެ ނަމަނަމަ ސިޔާ ތަންދޮރު ނުދަންނަ މީހަކު ކަންޑާނުލާތީ އެހެންވެއްޖެނަމަ 2028 ނުލިބިދާނެ! ގައުމު ވިއްކާލާފަވެސް މުއީޒުއާއި އަދުރޭއަށް މިގައުމު 20 އަހަރަށް ދޭންޖެހޭނެ!

  9. މަހިބަދޫ މީހާ

    ހަރަދު ކުޑަކުރުމުގެ ގޮތުން ކުރަންޖެހޭ ވަރައްމުހިންމު ކަމެއް އެބައޮތް އެކަމަކީ ސިޔާސީ މީހުން އެމީހުންގެ ރަށްޓެހިންގެ ބޮޑެތި ގުރޫޕްތައް ގޮވައިގެން އެއަރޕޯޓް ވީއައިޕީ އައް އައިސް ހަމަ ހެސްކިޔާފަ ކެއުން މިކަމަކީ ހަމަވަރުގަދަކޮއް ހިނގަމުންދާ ކަމެއް.

  10. ޙުޑު

    ޥަރައް މަސައްކަތް ނުކުރާވެރިން ގިނަތަނެއް އެހެންވީމަ ކިހިނެއް ހަރަދު ކުޑަ ކުޜާނީ..ގިނަވެރިންކުރާނެ ކަމެއް ނޯންނާނެ..މިހާރު ސާވޭއެއް ކުރިޔަސް މުއައްޒަފުން ގިނަވާނެ.ބައެއް ސެކުސަން ތަކުގަ..