ގެއެއްގެ ފެން ލައިޓުން ވަދެ، އަގު ބޮޑު ގަޑިއަކާއި ކޭޝްކާޑެއް ވަގަށް ނެގި މައްސަލައެއްގައި ބަޔަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ މާލެ، މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު، ސ. ފޭދޫ، ފެހިވިދުވަރު، މުހައްމަދު އިލްހާމް އަދި ދަފްތަރު ނަންބަރު 5624 އަހްމަދު ޝައިރަފް އަބްދުއްރަހީމްގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ، ގެއެއްގެ ފެންލައިޓުން ވަދެ ވައްކަން ކުރި މައްސަލައެއްގައެވެ. އެ ގޭގައި ދިރިއުޅުނު މީހެއްގެ ޕީއެސް4 އާއި އޭގެ ޖޮއިސްޓިކާއި، 98،000 ރުފިޔާގެ އަގު ހުރި އޮމެގާ ގަޑިއާއި، ޑެބިޓް ކާޑާއި، އެހެނިހެން ބައެއް ތަކެތި ވަގަށް ގެންގޮސްފައިވެއެވެ.

އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނިކޮށް ގަޑި ފެނުނީ، ދައުވާ ލިބުނު ޢަބްދުލްޣައްފާރު އަމިއްލައަށް ފުލުހުންނަށް ގުޅައި ގަޑި އޮތް ތަން އެނގޭ ކަމަށް ބުނުމުންނެވެ. އޭނާ ބުނި މީހާ އަތުން އެ ގަޑި ހޯދަން ފުލުހުން ދިޔުމުން، އެ މީހާ ގަޑި ހަވާލުކޮށް ފުލުހުން ގާތުގައި ބުނީ އެއީ ޢަބްދުލްޣައްފާރު އޭނާއަށް 3000 ރުފިޔާއަށް ވިއްކި ގަޑިއެއް ކަމަށެވެ.

ފުލުހުން ސީސީޓީވީ ފޫޓޭޖު ބެލުމުން އެ ގަޑި އަތުުގައި އަޅައިގެން ވިއްކަން ދިޔަ މަންޒަރު ވެސް ވަނީ ފެނިފައެވެ. އަދި އޭގެ ކުރީ ރޭ ޢަބްދުލްޣައްފާރާއި ޝައިރަފް އެ ގަޑި ވިއްކުމަށް ވާހަކަ ދައްކަން ދިޔަ މަންޒަރު ވެސް ވަނީ ފެނިފައެވެ.

އެއީ ޝައިރަފް ވިއްކި ގަޑިއެއް ކަމަށް ޢަބްދުލްޣައްފާރު ފަހުން ބުނި ނަމަވެސް، ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ވަނީ ދެ މީހުން އެއްކޮށް ދިޔަ މަންޒަރު ފެންނަ ނަމަވެސް، ގަޑި އޮތީ ޢަބްދުލްޣައްފާރު އަތުގައި އަޅާފައި ކަމެވެ.

ވަގަށް ނެގި ޑެބިޓް ކާޑު ފެނުނީ، އެ ކާޑުން ވިޔަފާރި ކުރާ ކަމުގެ ނޮޓިފިކޭޝަން އޭގެ ވެރިފަރާތަށް ލިބުމުން ފުލުހުންނާއި ގުޅިގެން ވަގުތުން އެތަނަށް ދިޔުމުންނެވެ. ކާޑުގެ ވެރިފަރާތުން ދެ ފުލުހުންނާއެކު އެތަނަށް ދިޔުމުގެ ކުރިން، ޓޯކީން މައުލޫމާތު ދީ ދެ ފުލުހުން އެތަނަށް ފޮނުވައި، އިލްހާމާއި ޝައިރަފް ހުއްޓުވިއެވެ.

ކާޑު ފެނުނީ ދެ މީހުންގެ ތެރެއިން އިލްހާމް އަތުގައި އޮތް ކޮތަޅުގެ ތެރެއިންނެވެ. ފުލުހުން ފުރަތަމަ ސުވާލު ކުރުމުން އެއީ ޅިޔަނަކު ދިން ކާޑެއް ކަމަށް އިލްހާމް ބުނި ނަމަވެސް، އޭގެ ވެރިފަރާތުން އެތަނަށް ދިޔުމުން ކާޑު ހަވާލުކުރިއެވެ.

އެ މީހުން އެ ކާޑު ބޭނުންކޮށްގެން ފިހާރައިން ގަނެގެން ދިޔައީ، ކޯސްޓުކިރު ދަޅަކާއި، މައިލޯ ޑަޅަކާއި، ކެމަލް ސިނގިރޭޓު ފޮށިތަކެކެވެ. އެ ޑެބިޓް ކާޑު ބޭނުންކޮށްގެން އެކި ފިހާރަތަކުން 1563 ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ޢަބްދުލްޣައްފާރުގެ މައްޗަށް 2 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި މުހައްމަދު އިލްހާމްގެ މައްޗަށް ވަނީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންނަމަވެސް މީގެކުރިން ބަނދުގައި ހުރި މުއްދަތު އުނިކުރުމުން އިލްހާމް ތަންފީޒު ކުރަން ޖެހެނީ 7 މަހާއި 12 ދުވަހެވެ.

ދައުވާ ލިބުނު ތިން މީހުންގެ ތެރެއިން ޝައިރަފް އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައިނެތުމުން އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ދެން ގެއްލުން ލިބުނު މިހާ އަށް ކޯއްޗެއް ؟

  2. ޢަބްދުﷲ

    ﷲ ގަންދީ ބުނަން. ވައްކަން ސާބިތުވެ އަތް ކަނޑަން ހުއްދަވީ ހިސާބުން އަތް ކަނޑާބަލަ. ކީއްކުރަންތަ ޖަލަށް ލައިގެން ދައުލަތުން ބޭކާރު ޚަރަދުތަކެއް ތި ކުރަނީ ތިޔަ ބައިގަނޑަށް. ބުނާނެ ޚަރަދު ބޮޑު ވާހަކަ... ވަﷲ އަޢްލަމް... އހ.