ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަކީ ކަރުދާސް ބޭނުންކުރާ މިންވަރު ބޮޑުތަނުން މަދުކޮށް، "ޕޭޕަރލެސް" ކުންފުޏަކަށް ހަދަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، އެއީ ކުންފުނީގެ ޚަރަދު ކުޑަކުރުމަށް ހިފާފައިވާ އަމާޒުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

އެ ކުންފުންޏަކީ އެހެން ކުންފުނިތަކާއި އަޅާބަލާއިރު މުވައްޒަފުން ގިނަ ކުންފުންޏެއްކަން ފާހަގަކުރައްވައި އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް ކުރެވޭ ކޮންމެ ކަމަކީ ކިތަންމެ ކުޑަކަމެއް ނަމަވެސް، ތިބި މުވައްޒަފުންގެ ޖުމްލަ އަދަދަށް ބަލާއިރު ކަރުދާހަށް ބޮޑު ހޭދައެއް ހިނގާ ކަމަށެވެ.

މިއަދުން ފެށިގެން އެ ކުންފުންޏަށް އިތުރު ޕްރިންޓަރެއް ނުނަގަންނާނެ ކަމަށާއި އެއް އަހަރުގެ ތެރޭގައި މުޅި ކުންފުނި ޕޭޕަރލެސް ކުންފުންޏަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

"ޕްރިންޓް ކުރުމަށާއި ކަރުދާހަށް ކުރާ ޚަރަދު ބޮޑުވެގެންދޭ އަޅުގަނޑުމެންގެ ކުންފުނިން އެހެން ކުންފުނިތަކާއި އަޅާބަލާއިރު ޚަރަދު ކުޑަކުރުމަށް ކުރެވޭ ކޮންމެ ކަމަކީ ކިތަންމެ ކުޑަކަމެއް ނަމަވެސް މިހާ ބޮޑު މުވައްޒަފުންގެ އަދަދަކަށް އެޕްލައިކޮށްލުމުން ފުދޭވަރެއްގެ ބޮޑު ހޭދައެއް ހިނގާނެ ކަމެއް. އަޅުގަނޑުމެން މި އަމާޒު ހިފީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި "ޕޭޕަރލެސް" ކުންފުންޏަކަށް މި ކުންފުނި ވާން. އެގޮތުން މިއަދުން ފެށިގެން އަޅުގަނޑުމެން އެމްއޭސީއެލްއަކަށް ޕްރިންޓަރެއް އިތުރަކަށް ނުގަންނާނެ. މިއަދުން ފެށިގެން އިތުރު ޕްރިންޓަރު ގަތުން އަޅުގަނޑުމެން ހުއްޓާލީ. އެއް އަހަރުގެ ތެރޭގައި މުޅި ކުންފުނި ޕޭޕަރލެސް ކުންފުންޏަކަށްވެގެންދާނެ،" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

އެމްއޭސީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ކުންފުނީގެ ހަރަދު 10-20 އިންސައްތަ ކުޑަކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ކަރަންޓާއި ފެނަށް ދާ ހަރަދު ވެސް ކުޑަކުރަން ނިންމާފައިވާ ކަމަށް އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ. ނަމަވެސް، ކުންފުނީގެ މުވައްޒަފުން މަދުކޮށް މުސާރަ ކުޑަނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލް އިން "ޓޭކް އޮފް 2024" ގެ ނަމުގައި ފޯރަމެއް ވެސް ދާދިފަހުން ވަނީ ބާއްވާފައެވެ. އެ ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމްއޭސީއެލް ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ. އެފަދަ އިތުރު ފޯރަމެއް އަހަރު ނިންމަން ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއޭސީއެލްގެ ޚަރަދު 10-20 އިންސައްތަ ކުޑަކުރަނީ، ގިނަ ފިޔަވަޅުތަކެއް!