ލ. ގަމުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމަހުގެ 27 ވަނަ ދުވަހު ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ބުލެޓު، ރަބަރު ކޮތަޅެއް އަދި 232 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުރުން 35 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެ މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު 18 އަހަރުގެ މީހާ ވަނީ ދޫކޮށްލާފައެވެ. އަދި 21 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާ 10 ދުވަހަށް އަދި 35 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.