ކުންފުނީގެ ޚަރަދު ކުޑަކުރިޔަސް މުވައްޒަފުންގެ އަދަދު މަދުކޮށް މުސާރަ ކުޑަ ނުކުރައްވާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ ކަމަށާއި މިހާރު އެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްތައް މި އަހަރުން ފެށިގެން ކުރިއަށްދާނެ އޭގެ ތެރޭގައި ބައެއް މަސައްކަތްތަކަކީ އެއް މަސައްކަތާއި އަނެއް މަސައްކަތާއި ގުޅުމެއްވާ މަސައްކަތްތަކެއް ކަމަށްވާނަމަ އެ ކަންތައްތައް އެއްކޮށްލާ، އެފިޝަންސީ އިތުރު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނަން. ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތަކީ އަޅުގަނޑުމެން މިއަދުން ފެށިގެން ފައްޓާނެ މަސައްކަތެއް،" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ކުންފުނި ރީސްޓްރަކްޗަރ ކުރިޔަސް މީހުން ކަނޑާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އައު ޓާމިނަލްގެ މަސައްކަތް ނިމެން ކައިރިވެފައިވާއިރު، އެތަނަށް ވެސް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"ކުންފުނި ރީސްޓްރަކްޗަރ ކުރުމަކީ އެފިޝަންޓް ކުރުން. މީހުންތަކެއް ކަނޑާލުމެއް ނޫން. ކުންފުނީގެ އައު ޓާމިނަލަށް އަދިވެސް އައު މުވައްޒަފުން ބޭނުންވޭ، މީހުންތައް ބޭނުންވަންޏާ ކީއްކުރަންތޯ މީހުން ކަނޑަންވީ. ވިސްނުމެއް ނެތް މީހުން ކަނޑާލާކަށް،" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

އެމްއޭސީއެލްގައި 4000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އެއްވެސް މުވައްޒަފެއްގެ އިނާޔަތަށް "ނެގެޓިވް ބަދަލެއް" ނާންނާނެ ކަމަށާއި މުވައްޒަފުންގެ މުސާރަ ވެސް ކުޑަ ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓް (ވީއައިއޭ) ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީ ކުރަން ފެށި އައު އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލްގެ މަސައްކަތް ނިމޭނީ 2025 ގައި ކަމަށް އެމްއޭސީއެލުން ކުރިން ބުނެފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން އައު ޓާމިނަލް ހުޅުވުމަށް އަސަރު ނުކުރާނެ ކަމަށާއި އެ ޓާމިނަލްގެ ފައިނޭންސް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.

"އެމްއޭސީއެލްގެ ސަރވިސް އެންހޭސް ކުރުމަށް ކުރާ ކަންކަމުން އެއްވެސް ވަރެއްގެ ހުރަހެއް މަޑުޖެހުމެއް ހުއްޓުމެއް ނާންނާނެ. މިހާރު ތިބި މުވައްޒަފުންގެ އަދަދުން 15 ނޫނީ 20 އިންސައްތަ އިތުރު މުވައްޒަފުން އެ ޓާމިނަލަށް ބޭނުންވާނެ،" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް 800 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއު ކުރިއަށްދާއިރު ސަރުކާރުން ލަފާ ކުރާ ގޮތުގައި އެ މަޝްރޫއު ނިމުމުން، އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެވޭނެއެވެ.

އެމްއޭސީއެލްގެ ޚަރަދު 10-20 އިންސައްތަ ކުޑަކުރަނީ، ގިނަ ފިޔަވަޅުތަކެއް!

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހނހ

    ހަރަދު ކުޑަކުރާއިރު އެންމެ މުހިންމުކަމަކީ ވަޒީފާ ކެނޑޭ މީހުނާއި އަދި ވަކިވާ މީހުންގެ ބަދަލުގައި އިތުރައް ވަޒީފާއައް ނުނެގުން.

  2. Anonymous

    "އެމްއޭސީއެލްގައި 4000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އެއްވެސް މުވައްޒަފެއްގެ އިނާޔަތަށް "ނެގެޓިވް ބަދަލެއް" ނާންނާނެ ކަމަށާއި މުވައްޒަފުންގެ މުސާރަ ވެސް ކުޑަ ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ". ކިހާ ރަނގަޅު. މިފްކޯގެ ކޫއްޑޫގެ ރީޖަނަލް މެނޭޖަރ ނިންމެވީ ހުރިހާ މަސައްކަތްތެރިންގެ އެލަވަންސް ކަނޑާލައި ހީރޯ އަކަށް ވާން. ކުރިސަރުކާރުގައިވެސް ހީރޯވެ، މިސަރުކާރު އައުމުންވެސް ކޮޅުބަދަލުވެ ހީރޯވަނީ. ނިކަމެތި ލޭބަރުންގެ ލޭބޮއެގެން.

    • ާލާލު

      ބޯނަސް ދެއްވާތި! ވަރަށް އުއްމީދުގަ!

  3. ޙުފާ

    ޥަރައް ބޭކާރު ހަރަދު ކުރާ ތަނެއް އެމް އޭ ސީ އެލް..އަކީ..މިސާލަކައް ނިމުނު ސަރުކާރުން ވޯޓު ހޯދާން ވެގެން މުައްޒަފުން ނައް މުސާރައިގެ އެއްބައި ޑޮލަރުން ދިނުމަކީވެސް ފެށުނު ސަރުކާރައް ބުރައެއް..