ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހާއްސަ އާންމު ޖަލްސާ ޖުލައި މަހު ބާއްވަން ނިންމައިފިއެވެ.

ބީއެމްއެލް އިން އެ ޖަލްސާ ބާއްވަން ނިންމާފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.

ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓް (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް އަންނަ މަހުގެ 3-18 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހާއްސަ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ 11 ގެ ނިޔަލަށް ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ހިއްސާދާރުންނަށެވެ.

ޖަލްސާގެ އެޖެންޑާގައި ހިމެނެނީ 40 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން މެންބަރަކު އިންތިހާބު ކުރުމެވެ.

ބޭންކްގެ އަހަރީ އާއްމު ޖަލްސާ (އޭޖީއެމް)ގައި ހިއްސާދާރުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ކަމަށްވާ ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް މީގެ އެއް މަސް ކުރިން ފާސްކޮށްފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް ފާސްވެގެން ދިޔައީ އެ ބޭންކަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިވޭތުވެދިޔަ 2023 ވަނަ ހޯދުމުގެ ސަބަބުން ކަމަށެވެ.