އަންހެނަކު އޭނާގެ ކަނާތު މުށުތެރެއަށް ޑްރަގް ލައި ފޮރުވައިގެން ހުއްޓާ، ފުލުހުންނަށް އެ ޑްރަގް ފެނުމުން އޭނާ ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށީ، އާނިރު، ޝަޒުނާ މުހައްމަދު 28އ، އެވެ.

ޝަޒުނާގެ ކަނައަތު މުށުތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވެއެވެ. އޭނާ ބަންދުން ދޫކޮށްލައިފިނަމަ އެ ކުށް ތަކުރާރު ވާނެ ކަމަށާއި އަދި މުޖުތަމައުއަށް ނުރައްކާވާނެ ކަމަށް ވެސް އަމުރިގައިވެއެވެ.

ކުރިމިނަލް ކޯޓުން ވަނީ ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ބަންދު އަމުރުގައިވާގޮތުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ވެސް ކުރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާ އަކީ ބަންދާއި ހައްޔަރު ރެކޯޑު އޮތް މީހެއް ކަމަށާއި އޭނާ މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.