ޖަމާއަތް ހަދައިގެން ތޫނު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ދެ މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން އިއްޔެ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ ކ. މާލެ، މ. ލަކްސްގާޑްން، ހަސަން ޖީލާން ސިއްދީގު، 23، އާއި ސ. ހިތަދޫ، ގަސްރު ހައުސް، ޝުޖާއު ރަޝީދު، 24، އެވެ.

ތަހުގީގު ނިމެންދެން އެ ދެ މީހުން ބަންދު ކުރަން ނެރުނު އަމުރުގައި ވާގޮތުން އެ ދެ މީހުންނަކީ ވެސް އެ ފަދަ ކުށްތަކުގައި ހައްޔަރާއި ބަންދު ރެކޯޑު އޮތް ދެ މީހުންނެވެ. އެހެންކަމުން އެ ދެ މީހުން ބަންދުން ދޫކޮށްލަައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް އަމުރުގައިވެއެވެ.

އެ ދެ މީހުންނާ ދެކޮޅަށް އަނިޔާ ލިބުނު މީހާގެ ބަޔާނާއި، ފޮޓޯ އަދި ހާދިސާ ހިނގިތަނުގެ ސީސީޓީވީ ފުޓޭޖުތަކާއި، ސްނެޕްޝޮޓު އަދި ސީންގެ ފޮޓޯތަކާއި ވީޑިއޯތައް ހުށަހަޅާފައިވާ ކަމަށް ކޯޓުން ބުންޏެވެ. އެހެން ކަމުން އެ ކުށް އެ ދެ މީހުން ކުރިކަމަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވަނީ ބުނެފައެވެ.

އެ ދެ މީހުންގެ ތެރެއިން ޝުޖާއު ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށްފަހު ތަހުގީގު ނިމުމުން ރިމާންޑު ޖަލަކަށް ބަދަލު ކުރުމަށް ވެސް އަމުރުގައިވެއެވެ.

ޖީލާން މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށްވުމުން ވަކީލަކު އައްޔަންވުމުން ބަންދު މުރާޖައާ ކުރުމަށް އެދެވޭނެ ކަމަށް ވެސް އަމުރުގައިވެއެވެ.