ރާއްޖޭން އެކްސްޕޯޓް ކުރާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވާނެ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް"ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި އެހި ވޯޓުގައި މި އެއްބަސްވުމުގައި ރާއްޖެއިން ބައިވެރުމަށް 82 މެންބަރުން ވޯޓުދެއްވެވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވެވި މެންބަރަކު ނެތެވެ.

އެ އެއްބަސްވުމުގައި ބައިވެރުވުމަށް ވަޒީރުންގެ މަޖިލީހުން ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވީ މިދިޔަ ހޯދަ ދުވަހުގައެވެ.

"ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. އެ މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

އެ އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިހާސަދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުން ވެސް އެ ފަސޭހަތަކުގެ ތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަރަފަކައްދަ

    އަދުރޭ ބުނަން ރަގަލު ވާހަކައެއް! މަސް ނުބޭނުނީމާ ކަނޑު ނުބައި ކުރާ އުސޫލުން ވެރިކަން ވެސް ކުރަން ނޭގުނީމާ ބުއްދި ވެރި ގޮތަކީ އިސްތިޢުފާ ދީފައި ގެއަށް ކަނޑާލުން.