ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000ރ. ދޭކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެއިން ޕީއެންސީ މެމްބަރުންނަށް މަހަކު ބައިލައްކަ ރުފިޔާ ދޭ ކަމަށް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެމްބަރުންނަށް މަހަކު 50،000 ރުފިޔާ މުލިއާގެއިން ދޭ ކަމަށް ފައްޔާޒު ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ފައްޔާޒު ވިދާޅުވީ މުލިއާގެއިން ބައިލައްކަ ރުފިޔާ ކޮންމެ މަހަކު ދެނީ އެކަމަށް އެދޭ މެމްބަރުންނަށް ކަމެއް، ނުވަތަ ޕީއެންސީ މެމްބަރުންނަށް ކަމެއް ސާފުނުވާ ކަމަށެވެ.

ނަމަވެސް މުލިއާގެއިން ޕީއެންސީއަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުންނަށް މަހުން މަހަށް ބަރާބަރަށް އެ ފައިސާ ހަރަދު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މުހިންމު ފިޔަވަޅުތައް އަޅުއްވާނެކަން އިއުލާންކުރެއްވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފައްޑޭ

    ފައްޔާޒަކީ ދޮގު ހެދުމުގެ ނަމޫނާ މީހެއް

    27
    4
  2. ސަރަފަކައްދަ

    ނުކުރާނެއޭ ނުވާނެ ބުނާކަށް!

  3. ބެއްޔާ

    ވަގުންނަށް ހީވާނީ އެހެންމީހުންނަކީވެސް ވަގުންނޭ. ފައްޔާޒުމެންގެ ސަރުކާރުގައި މެމްބަރުންނަށް މުލީއާގެއިން ފައިސާ ދިނީމާ ފައްޔާޒަށްހީވަނީ މިސަރުކާރުންވެސްދޭނޭ. އެހެންވީމާ އެވާހަކަ އެބުނީ. ހަސަނަށްހީވާނެ ފުޅަށްބުޑުންދަންޏާ އެއުޅެނީ ކެޔޮގަނޑު ކަނޑާލާށޭ.