މަސްވެރިކަމުގައި އުޅެނިކޮށް ކަނޑުމަތިން ފެނުނު ފުޅިތަކެއްގައި ހުރި އެއްޗެއް ބޮއެގެން ސްރީލަންކާގެ 5 މަސްވެރިޔަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މަސްވެރިކަމަށް ނުކުމެ އުޅުނު ބަޔަކަށް ކަނޑުމަތިން ލަންކާގެ ދެކުނުގެ އައްސޭރިން ފެށިގެން 320 މޭލު ދުރު ހިސާބުން ގޮތްނޭގޭ ފުޅިތަކެއް ވަނީ ފެނިފައެވެ. އެއީ ބަނގުރާ ކަމަށް ހީކޮށް އެ މީހުން އެ ފުޅިތަކުގައި ހުރި އެއްޗެހި ބުއީ ކަމަށް ލަންކާގެ ނޭވީން ވަނީ ވިދާޅުވެފައެވެ.

ފުޅިތަކުގައި ހުރި އެއްޗެހި ބުއިމުން 4 މަސްވެރިޔަކު މަރުވެފައިވާއިރު، އިތުރު ދެމީހުންގެ ހާލު ސީރިޔަސްވެ ފަރުވާދެމުން ދަނިކޮށް އެތަނުން އެކަކު ވަނީ މަރުވެފައެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު މިވަނީ 5 އަށް އަރާފައެވެ.

ލަންކާގެ ފިޝަރީޒް އެންޑް އަކުއާޓިކް ރިސޯސަސް ޑިޕާޓްމަންޓުގެ ޑިރެކްޓަ ޖެނެރަލް ސުސާންތާ ކަހަވައްޓެ ވިދާޅުވީ އެ ދޯނިން މަހަށް ދިޔަ މަސްވެރިން އެއްގަމަށް ގެނެވޭތޯ ލަންކާގެ ނޭވީން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މަސްވެރި އުޅަނދުތަކުގައި ތިބި މީހުންނަށް ސިއްހީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ކަނޑުމަތިން ފެނުނު ފުޅިތަކުގެ ތެރެއިން ބައެއް ފުޅިތައް މަސްވެރިކަމަށް ނުކުމެ އުޅުނު އެހެން ދޯނިތަކަށްވެސް ބަހާފައިވާ ކަމަށާއި އެ މީހުން ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ކަހަވެއްޓެ ވިދާޅުވިއެވެ.

ފުޅިތަކުގައި ހުރި އެއްޗެއް ބުއި މަސްވެރިން ތިބި އުޅަނދު މަހަށް ނުކުމެފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ. އެ އުޅަނދުތަކުގައި ސަލާމަތުން ތިބި މީހުން ވެސް އަވަހަށް އެއްގަމަށް ގެނައުމަށް އެދި، ވެރިރަށް ކޮލަމްބޯ އިން ފެށިގެން 120 މޭލު ދުރުގައި އޮންނަ އައްސޭރި ޓައުނެއްގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ފުޅިތަކުގައި ހުރި އެއްޗެއް ބެލުމަށް ތަހުގީގު ކުރަމުންނެވެ. ލަންކާ ނޭވީން ވަނީ އެ ބޯޓު ޓޯކޮށް އެއިން ދަތުރުކުރި މަސްވެރިންނާއެކު ބޯޓު ލަންކާއަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ލަންކާ މަސްވެރިންގެ ގޮތް އެނގުނީ ހއ 100 ވަރަކަށް މޭލު ގެނބުރުގައި ކަންނެލީގެ މަސްވެރިކަމުގައި އުޅުނު ދުވަހެއްގައި. އަހަރުމެން އައިނުގައި ޖައްސައި ނަނުދޫކޮށްގެން ތިއްބާ ކައިރި ކޮށްފައި އަތުގެ އިޝާރާތުން އެއްޗެހި ދޭންކިޔަނީ. އަދި ދުންފަތާއި ދުފާ ތަކެތި ދިނުމަށް އެދުނު. އަހަރުމެން ދިނީ ދުފާ އެތިކޮޅެއް އެކަނި. އަދިވެސް ދެތިން ފަހަރު އެމީހުންގެ އުނދަގޫ ޖެހުނު.

  2. Anonymous

    އިންޑިޔާ މީހުން ގެ ކަންތައް، މީހުންނައް ލަޑުދޭން ކުރާކަކުރ

  3. ނީސް

    ތަހުގީގުކޮށް ނިންމާއިރު ކުޑަކަމުދާ ތަކެއްޗަށްވެސް ވެދާނެ

  4. ނަޝީދު

    ޖެހުނު އެއްްޗެއް ބޯން ދިވެހިންވެސް މިހާރު މިތިބީ ތައްޔާރަށް އަލިފާން އާވި ވިޔަސް ހެޔޮ