ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް 400 ސިޔާސީ މުވައްޒަފުން ކަނޑާލުމަކުން ނުފުދޭ ކަމަށާއި ދަރަނީގެ ވާހަކަ މި ސަރުކާރުން ދެއްކޭނެ ޖާގައެއް ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާއި ބެހޭ ބިލުގެ ބަހުސްގައި މީކާއިލް ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށްޓަކައި ވާހަކަފުޅު ދައްކަވާއިރު ސިޔާސީ މަޤާމުތަކުގައި ތިބި އަދަދު ރައްޔިތުންނަށް ހާމަވާން ޖެހޭ ކަމަށާއި ހަމައެކަނި 400 މުވައްޒަފުން ކަނޑާލުމަކުން ނުފުދޭ ކަމަށެވެ.

"400 މުވައްޒަފުން ކަނޑާލާނަމޭ ބުނުމަކުން ނުފުދޭ، 400 މުވައްޒަފުންގެ އިތުރުން ދެން ތިބީ ކިތައް މުވައްޒަފުންތޯ ވެސް ސާފުވާން އެބަޖެހޭ." މީކާއިލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވި ގޮތުގައި، އެކިއެކި އިންތިހާބުތަކާއި ގުޅިގެން އަދަދު ނޭގޭހާ ގިނަ ސިޔާސީ މުވައްޒަފުން ނަގާފައިވާއިރު އެ ބޭފުޅުންގެ މުސާރައާއި އެހެނިހެން ޚަރަދުތައް ވެސް ސަރުކާރުން ހާމަކުރަން ޖެހެއެވެ. މެންބަރު ވިދާޅުވީ، މި ސަރުކާރުން އެހާ ގިނަ ސިޔާސީ މުވައްޒަފުން ނަގަމުން ދަނީ ގައުމުގެ އިޤްތިސާދީ ހާލަތު ރަނގަޅަށް އޮތުމުން ކަމަށް ފެންނަ ކަމަށެވެ.

"ދިވެހިރާއްޖޭގެ މާލީ ކަންކަން ހަމަ ވަރަށް ވެސް ރަނގަޅު ހާލަތެއްގައި ހުރީމާހެން އެއެއް މިއެއް ނުބަލާ ކަނާތުން ވައަތަށް އަތުރާލާފާ، އަދަދު ނޭގޭހާ ގިނައިން ސިޔާސީ މުވައްޒަފުން ނަގަމުން ނަގަމުން މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށާއި އެކިއެކި އިންތިހާބާ ދިމާކޮށް އަދަދު ނޭގޭހާ ގިނަ ސިޔާސީ މުވައްޒަފުން ނަގަމުން އައީ." މީކާއިލް ވިދާޅުވިއެވެ.

ހަމައެއާއެކު އެގޮތަށް ރައީސް ކަންތައް ކުރައްވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ވީމަ ނޫން ތޯ ނުވަތަ ގަސްތުގައި އަނދަވަޅަކަށް ވައްޓާލުމަށްތޯ މީކާއިލް ވަނީ ސުވާލު އުފައްދަވައިފައެވެ.

މީކާއިލް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި ދައްކަން ހުރި ބޮޑެތި ލޯނުތަކަށް ރީފައިނޭންސް ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އެހީވުމަށްޓަކައި އަވަށްޓެރި ގައުމުތަކުން ތައްޔާރަށް ތިބި ކަމުގެ ގްރީން ސިގްނަލް އޭރުވެސް އަދި މިހާރުވެސް ލިބެމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީކާއިލް ވިދާޅުވި ގޮތުގައި، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ނުދައްކާ ވަރަށް ދައުލަތުގެ ދަރަނި ދައްކާފައެވެ. އަދި އެ ދަރަންޏަކީ ޕީޕީއެމް ސަރުކާރުން އެމްޑީޕީ ސަރުކާރަށް ވާރުތަކުރި ދަރަނި ކަމަށާއި 26.7 ބިލިޔަން ރުފިޔާގެ ދަރަނި ނިމިދިޔަ ދައުރުގައި ދައްކާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީކާއީލްގެ މި ވާހަކަތަކާއި ގުޅިގެން ވެލިދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އައްބާސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އައްބާސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރޭގައި ރައީސް މުއިއްޒު އެފަދައިން ވާހަކަފުޅު ދެއްކެވީ އޭރުގެ ސަރުކާރުން ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް ލޮލަށް ނުފެންނާތީ ކަމަށެވެ.

"އޭރުގެ ރިޔާސީ ކެނޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭރު ރައްޔިތުންނާއި މުޚާތަބުކޮށް ވެވަޑައިގެންެވި ވައުދުތަކަކީ އޭރުގެ ސަރުކާރުން ސިއްރުކޮށްފައި ހުރި ހުރިހާ އެގްރީމެންޓުތަކެއް ލޮލަށް ނުފެންނާތީ، އެ އެއްޗެހިތައް ނުފެންނާތީ ވިދާޅުވި ވިދާޅުވުމެއް ކަމުގައި ދަންނަވަން." އައްބާސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެއީ ނިޒާމީ މައްސަލައެއް ކަމުގައި ނުބައްލަވާ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައިރާންވޭ

    އެއްވެސް ލަދެއް ހަޔާތެއް ހުރި މީހެއްނަމަ، މީކާއީލްމެންގެ ސަރުކާރު، މިދިޔަ ސަރުކާރުން ބައިތުލްމާލު ދަވާލައި އެވަރުން ނުވެގެން އެތައް ލޯނެއް ނަގައި ރާއްޖެ ބަނގުރޫޓްކުރިއިރު ތިވާހަކަ އޭރު ނުދައްކައި މިހާރު ތިޔަދައްކަނީ ކީއްވެތޯ؟!

  2. ކަޑަޖެހުން

    1200 ވުރެ ގިނަ ސިޔާސީ މީހުން ގެންގުޅެ ދަރިނި ނަގާ އަދި ރުފިޔާ ޖަހަމުން ގޮސް 125 ބިލިއަނުން ދަރުވާލި ބަޔަކައްތޯ އިނގޭނީ މީހުން ކަޑަން ޖެހޭވަރު

  3. މަންދީ ބިން ޔޯޔޯ

    އެމްޑީޕީ ވެރިކަމުގަ ގައުމު ބަނގުރޫޓުކޮއްފަ ދެން ކޯޗެކޭ ތިކިޔަނީ ކަލޭމެން ދައްކާވާހަކަ އަޑެއްއަހާނެ ބަޔަކުނުވާނެ