ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިންޓާންޝިޕްގެ ފުރުސަތު ދިނުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ބްރިގޭޑިއާ ޖެނަރަލް ރިޓަޔާޑް އަލީ ޒުހައިރެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް އަޙްމަދް އާތިފެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދާނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބަލަހައްޓަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނޭ ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދިވަޑައިގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށެވެ.

1 އަހަރު ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމުގެ މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމާއި، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައްތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކުރުމެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައްޔާއި، މަސައްކަތް ކުރުމުގައްޔާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ މަޤުޞަދުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލު ކުރާ ގޮތުގެ ގަވާއިދު ވަނީ މި އަހަރުގެ ތެރޭގައި ގެޒެޓްކޮށްފައެވެ.

މި ގަވާއިދުގެ ދަށުން އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން އިންޓަރންޝިޕްގެ ފުރުސަތުތައް ފަހިކުރެވި، ވަޒީފާގެ މާހައުލުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރެވިފައި ވެއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި މުޖުތަމައުގައި ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން އަހުލުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފަރުމާކުރެވިގެންދާނެ ކަމަށް ވުޒާރާ އިން މައުލޫމާތު ދެއްވައެވެ.

މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ވުޒާރާއާއި ހިލްޓަންގެ ރާއްޖޭގައި ހިންގާ 3 ރިސޯޓު ކަމުގައިވާ ވަލްޑަރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓްސް އެންޑް ސްޕާ އާއިއެކު ވެސް ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިންޓާންޝިޕްގެ ފުރުސަތު ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެ ވުޒާރާއާ ދެމެދުވެސް ފަހުމުނާމާއެއްގައި ސޮއިކޮށްފައި ވެއެވެ. މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބިގަނެ، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްޤީކުރުމުގެ ފުރުސަތުތައް ފަހިކުރުން ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މީގެއިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އެ ވުޒާރާއާއި ކެއަރ ސޮސައިޓީއާއި ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ ވުޒާރާ އިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެ ވުޒާރާއިން އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.