ތުރުކީން ރާއްޖެއަށް ކާޑު ޝިޕްމަންޓް ގެނެސްފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ.

ޗައިނާ އަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ ތުރުކީން ރާއްޖެއަށް އެއް އަހަރު ދުވަހު ބޭނުންވާ ވަރަށް ވުރެެ 10 އިންސައްތަ އިތުރަށް ކާޑުގެ ބާވަތްތަށް އެތެރެކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ޝިޕްމަންޓުތައް އެ މަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށްވެސް އެމަނިކުފާނު އެދުވަހު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގެ ވީޑިއޯ ކްލިޕެއް ހިއްސާ ކުރަމުން ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ މިހާރު އެ ޝިޕްމަންޓް ރާއްޖެއަށް ގެނެވިފައިވޭތޯ ސުވާލު ކުރައްވާފައެވެ.

ވައްޑެއަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަރު ޔޫސުފް ޝާހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތުރުކީން ގެންނަން ބުނި ކާޑުގެ ބާވަތްތައް އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ގެނެސްފައިވާ ކަމަށެވެ. އެ ތަކެތި މިހާރު ވައްޑެ ކައިފާނެ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މި ސަރުކާރު އައި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައްޓަވާފައެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވީ އެ ގައުމަށެވެ. އަދި އެ ގައުމުގައި ރާއްޖޭގެ އެމްބަސީއެއް ވެސް ވަނީ ގާއިމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ރޯދައަށް ގެނައި އެތިކޮޅުގެ ވާހަކަ ދެއްތޯ ތިބުނުއްވީ.

  2. ފާޒް

    އެއް އަހަރަށްވާ ކާޑު ސުޓޯކުރެވޭނެ ވަރު ޖާގައެއް ކާޑު ގުދަނަކު ނުހުންނާނޭ. ގެނެވިގެން ތިއުޅެނީ ވަރަށް މަދު އަދަދެއް. އެއީވެސް އަސްލު ގެނެވުނުކަމުގައިވާނަމައެވެ.

  3. ޒުހުދު

    ހިލޭ ބަހަންވީނު