ކ. މާފުށި އަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން އެތެރެ ކުރަން އުޅުނު މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެމީހާ އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކިފެނިފައިވާތީއެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެގޮތުން އެ ދައުވާކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެހާކަންހާއިރު، އޭނާ މަސްތުވާތަކެތި ހިފައިގެން ކ. މާފުއްޓަށް ދާން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލެ، ބޮޑުތަކުރުފާނުމަގު ސިޓީ ގާޑަން އާއި ދިމާލުން ފަޅުތެރޭގައި އޮތް "އައިކޮމް ޕާރްޕަލް" ލޯންޗަށް އޭނާ އަރައި އިންދާ، އޭނާ ހުއްޓުވާ ހަށިގަނޑު ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން މަސްތުވާތަކެތި ފެނިގެންނެވެ.

ކްރިމިނަލް ކޯޓުން އާންމު ކުރި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، އޭނާގެ ޖީބުން ފެނިފައިވަނީ ވަށައިގެން ޓޭޕްއޮޅާ ބަންދުކޮށްފައިވާ އެއްޗެކެވެ. އޭގައި 6 ރަބަރު ކޮތަޅު އޮތްއިރު، ބަރުދަނުގައި 26.6629 ގްރާމް ޑައިމޯފިން ހުރި ކަމަށް ތަހުލީލު ރިޕޯތްތަކުން ދައްކާ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީ ވަމުން އޭނާ ބުނެފައިވަނީ ދައުވާއަށް އިންކާރު ކުރާ ކަމަށާއި އެއީ ބަޔަކު މީހުން އޭނާއަށް ލަނޑެއް ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ އޭނާގެ އަތުން ފެނުނު އެއްޗަކީ ޗާޖަރެއް ކަމަށާއި މާފުއްޓަށް ލޯންޗު ކައިރި ކުރާއިރު، އެއާ ހަވާލުވާނެ މީހަކު ހުންނާނެ ކަމަށް މީހަކު ބުނި ކަމަށާއި އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށެވެ.

އަދި އެކަމަކީ އޭނާ ކަރެކްޝަންސްގައި ވާޒީފާ އަދާކުރިއިރު، އެތަނުގެ ކަންތައްތަކެއް އިސްލާހު ކުރުމަށް އޭނާ އިސްކޮށް ހުރެ ކުރި ކަންތަކާއި ވިދިގެން އޭނާ ވަޒީފާއިން ބޭރު ކުރުމަށް ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ހުށަހަޅާފައިވާ ހެކިތަކަށާއި މަސްތުވާތަކެތީގެ ޤާނޫނަށް ބިނާކޮށް މައްސަލަ ބެއްލެވި ގާޒީ، އިސްމާއީލް ޝަފީއު ވަނީ އޭނާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

މިމައްސަލައިގައި އޭނާ 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް، އޭނާ ތަންފީޒު ކުރަން ޖެހޭނީ، އެމައްސަލައިގައި ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަރުގޮނު

    މި ޙުކުމަކީ ދުންޔަވީ ގޮތުން (ބަޔަކު އެކަށައަޅާ ޤާނޫނަކުން) ޢުމުރަށް ޖަލަށްލާން ކުރާ ޙުކުމެއް ކަމަށް ވެފައި ، އެމީހަކު 25 އަހަރު ޖަލުގައި ހޭދަކޮށްފިއްޔާ އެކަން އެނިމުނީ.
    ** އެހެނަސް ސުވާލަކީ އިސްލާމީ ޝަރީޢަތުން މަރަށްމަރު ހިފުމުގެ ޙައްދު ކަޑައެޅޭމީހާގެ މަރުގެ ޢުޤޫބާތް ، ދުންޔަވީ ގޮތުން ބަޔަކު ހަދާ ޤާނޫނަކުން ނުވަތަ އުޞޫލަކުން ކަޑައަޅާ މުއްދަތެއް ޖަލުގައި ހޭދަ ކުރީމާ ތަންފީޒު ނުކުރާގޮތަށް ހެދިދާނެތޯ....؟؟؟؟ އެހެންވެއްޖެ ނަމަ އިސްލާމީ ޝަރީޢަތަށްވުރެ އިންސާނުން ހަދާ ޤާނޫނާ އުޞޫލު ބާރުގަދަ ނުވޭތޯ..؟؟؟