ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްފަހު ރާއްޖެ ވަޑައިގެންނަވާ ހައްޖާޖިން ސަމާލުކަންދޭންވީ ބައެއްކަންކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފިއެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު ރާއްޖެ ވަޑައިގެންނަވާ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަންކަން އެޗްޕީއޭއިން އިއުލާނު ކޮށްފައިވަނީ ހައްޖަށް ދިޔަ ހައްޖާޖީންގެ ތެރެއިން ބައެއް ހައްޖާޖީންގެ ފަރާތުން ރޯގާގެ އަލާމާތްތަކެއް ހުންނަކަން ފާހަގަވެ، ހައްޖުން އައި މީހުންގެ ތެރޭ ހިމެނޭ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑު މުހައްމަދު އާރިފް (ބަކާ) ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ މެނިންގޯކޮކަލް ކިޔާ ނުރައްކާތެރި ބައްޔެއް ޖެހިގެންނެވެ.

އެޗްޕީއޭއިން ވަނީ ހައްޖުން އެނބުރި އަންނަ ފަރާތްތައް ބަލާ އެއާޕޯޓަށް ދިއުމުގައި ވީހާ ވެސް މަދު މީހުން ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއާޕޯޓް، ޓެކްސީ، ބަސް އަދި ފެރީ ތެރޭގައި އެންމެން ވެސް މާސްކު އެޅުން، ރޯގާޖެހި، ހުންއައިސް، ކެއްސާ، ކިނބިހި އަޅާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ދާން ޖެހިއްޖެނަމަ، މާސްކު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ރޯގާގެ އަލާމާތެއް ހުރިނަމަ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ހައިރިސްކު ފަރާތްތަކާއި ގައިދުރުކަން ބެހެއްޓުން އަދި އެއްވެސް އަލާމާތެއް ހުރެ ގިނަ ދުވަސްވާނަމަ، ނުވަތަ ބޮޑުވަރުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަން ވަނީ އިލްތިމާސްކޮށްފައެވެ.

ހައްޖު މޫސުމުގެ ރޯގާ ރާއްޖޭން ފެނިފައިވާތީ، އައިޖީއެމްއެޗުން ވިދާޅުވީ ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އިރުޝާދު ދީފައިވެއެވެ.

ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، އެކަމަށް ސަމާލުވެގެން މާސްކް އަޅައިގެން އައުމަށް އެދިފައިވެއެވެ. އަދި ހޮސްޕިޓަލްގައި އެއްވެ އުޅުމުން ދުރުހެލިވުމަށް ވެސް އައިޖީއެމްއެޗުން ވަނީ އަންގައިފައެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކެއް އައިޖީއެމްއެޗުގައި ހުޅުވީ މީގެ ދެތިން ދުވަހެއް ވަރު ކުރިންނެވެ. މި ކްލިނިކް ހުންނާނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ.

މި ކްލިނިކުން ހިދުމަތް ދޭނީ ކޮންމެ ހެނދުނެއްގެ 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ.