މާލޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ 83 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެއިދާރާއިން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިއީ މިހާތަނަށް އެއިދާރާއިން ކުރިއަށްގެންދިޔަ އެންމެ ބޮޑު އޮޕްރޭޝަން ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 83 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މާލެ ސަރަހައްދުގެ 4 ތަނެއް ބަލައި ވަނީ ފާސްކޮށްފައެވެ. އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 83 ބިދޭސީންގެ ބަޔާންވެސް ވަނީ މިހާރު ނަގާފައިވާ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

ގަވާޢިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން އެމީހުންގެ ގައުމަށް ފުރުވާލުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކުން ގުޅިގެން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 1800 އަށްވުރެ ގިނަ ބިދޭސީން ގައުމަށް ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ގަވާއިދާ ހިލާފަށް އުޅުނު 50 ބިދޭސީން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާއިރު، ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ވެސް ފަށާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ކ. މާފުށިން މިހާތަނަށް 1076 ބިދޭސީންގެ މައުލޫމާތު ވަނީ ނަގާފައެވެ. އަދި ހިންމަފުށިން ވަނީ 700 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި ރާއްޖޭގެ އާބާދީ ބޮޑު 5 ސަރަހައްދެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންދާނެއެވެ.