ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު މަޖިލީހުގެ ތަޅުމަށް މި ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމެވެ.

ނަސީމް ވިދާޅުވީ އެ ބިލް ހުށަހެޅުމުގެ މަގްސަދަކީ އެކަށީގެންވާ ގޮތެއްގި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާ ގުޅޭ އާ ނިޒާމެއް ތައާރަފްކޮށް ދައުލަތުގެ ފިސްކަލް އެންމެހާ ކަންކަން ހިންގަނީ ފިސްކަލް ޑިސްޕްލިން ގާއިމް ކުރެވޭނެ ފަދައިން ދެމެހެއްޓެނެވި ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ކަށަވަރު ކުރުން ކަމަށެވެ.

އެ ބިލްގައި ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާއި ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާން ކޮށްފައިވާނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ "އިންޓާޖެނެރޭޝަނަލް އިކުއިޓީ" ނުވަތަ ކުރިއަށް އޮތް ޖީލުތަކަށް އިންސާފުވެރި ގޮތަކަށް ގާއިމް ކުރެވޭނެ ހަމައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމާ ގުޅޭ އުސޫލުތަކާއި ދައުލަތުގެ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ވެސް އެ ބިލްގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

ނަސީމް ވިދާޅުވީ، އެ ބިލްގައި ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާނުހިނގާ ގޮތް ރައްޔިތުންގެ މަޖިލީހުން ބެލުމަށް މަގުފަހި ކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ނިޒާމު ހިންގުމާ ގުޅޭ ގޮތުން ހާސިލު ކުރެވޭ ނަތީޖާތައް ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުން ވެސް ހިމެނޭ ކަމަށެވެ. އަދި ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ބެހޭ އުސޫލުތައް ވެސް ބިލްގައި ބަޔާންވެގެންވާނެ ކަމަށެވެ.

މި ބިލާއެކު ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު އުވިގެންދާނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.