ސިއްހީ ވުޒާރާއިން މާލެ އާއި މާލެ ސަރަޙައްދުގެ ބައެއް ތަންތަނުގައި ފްލޫ ކްލިނިކްތަކެއް ހުޅުވައިފިއެވެ.

އެ ވުޒާރާއިން މިއަދު މައުލޫމާތު ދެއްވިގޮތުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗްހުޅުމާލެ އަދި ވިލިމާލޭގައި ހާއްސަ ފްލޫ ކްލިނިކްތައް ވަނީ ގާއިމްކޮށްފައެވެ.

އެ ވުޒާރާއިން ވިދާޅުވެފައިވާގޮތުގައި ފްލޫ ކްލިނިކްތަކެއް ގާއިމް ކުރުމަށް ނިންމީ ހައްޖުވެރިން އެނބުރި އަންނަމުންދާ ދުވަސްވަރަކަށްވާތީ، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ.

އަދި މިއީ އެފަރާތްތަކަށް ހާއްސަކޮށްގެން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމައި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި ކުރާ ކަމެއް ކަންވެސް ފާހަގަކޮށްފައި ވެއެވެ.

ހުމާއި ކެއްސުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް މެނޭޖްކުރުމަށް ހާއްްސަ ކްލިނިކްތައް ޤާއިމްކޮށްފައި ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މި ބަލިތަކުން އާންމުން ރައްކާތެރިކޮށް، ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބަލިމީހުންގެ އަދަދު އިތުރުވަމުންދާނަމަ އެހެނިހެން ސަރަޙައްދުތަކާއި އަތޮޅުތަކުން މި ހިދުމަތް ދިނުމަށް ސިއްހީ ދާއިރާ ތައްޔާރަށް އޮތްކަންވެސް އެ ވުޒާރައިން ވަނީ ފާހަގަކުރައްވާފައެވެ.

މި ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ހައްޖުން އެނބުރި އަންނަ އެއްވެސް ހައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ ކްލިނިކްތަކުގެ ބޭނުން ހިފުމަށް އެ ވުޒާރާއިން ވަނީ އިލްމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަރަންޓީނު

    ހަމަ ހައްޖުން އަންނަ ކޮންމެ ފަހަރަކުވެސް މިކަމެއް ދިމާވާކަން އެބަ އެގޭ. ދަތުރުވެރިން 2-3 ހަފްތާ ކަރަންޓީނު ކޮއްލިއްޔާ މާރަގަޅުވާނެ އެމީހުންގެ އަމިއްލަ ގެތަކުގައި. ބަލި ފަތުރާކަށް ނޫންތާ ވިސްނަން ޖެހޭނީ. ޚަރަދު ކުޑަކުރަން އުޅޭ ބަޔަކު ވިސްނަން ޖެހޭ ކަމެއް މީ

  2. ހުސެއިން ޝާމް

    ފުލޫ ކްލިންިކްތައް ޤާއިމްކުރި .ސަބަބު ރައްޔިތުންނަށް ސާފުވާން ޖެހޭނެ.މިނިސްޓަރ އޮފް ހެލްތަކީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ މިންގަނޑާ ޚިލާފަށް ޢަމަލުތައް ބަހައްޓަމުންދާ ބައެއްކަން ހެކިތައް އެބަހުރި ފެންނަން. ކަމާގުޅޭ ޑޮކިއުމެންޓްތައް އެބަހުރި .ލިޔެ ކިޔުމަށް ބަދަލު ގެންސްފިނަމަ ޤާނޫނުގައި ބުނާ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ސަރުކާރުން. އެކަމްކު ސަރުކާރަށް އެގެން ބޭނުންވާނެ އެލިޔުން ތައްޔާރު ކުރި ފަރާތް އެވަރުން ނިމުނީ.