މިދިޔަ ސަރުކާރުގައި ހަރަދުތައް ކުރަމުންދިޔައީ ކޮންޓްރޯލުން ނެއްޓި ކަމަށާއި އެ ފަސް އަހަރު ނިމުނު އިރު ރާއްޖޭގެ ދަރަނި އޮތީ 200 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށް މާލީ ވަޒީރުގެ އެޑްވައިޒަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، އެބޭފުޅުން ސަރުކާރާއި ހަވާލުވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ހީކުރި ވަރަށްވުރެ ވެސް ގޯސްކޮށް ކަމަށެވެ. އެކަމުގެ މައިގަނޑު ސަބަބެއް ކަމުގައި ކުރީ ސަރުކާރުން ވިދާޅުވެފައިވަނީ އެގޮތަށް ދިމާވެފައިވަނީ ކޮވިޑުގެ ސަބަބުން ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ ދަށަށް ދިޔަކަމުގައިވިޔަސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ޚާއްސަކޮށް ވެރިކަމުގެ ފަހު ދެ އަހަރު އިންތިހާބާ ކައިރިކޮށް ވަރަށް ގިނަ ސިޔާސަތުތަކެއް ނިންމަވާފައި ހުރި ކަމަށެވެ.

"އޭގެ ސަބަބުން އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، މިހިރީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި. ޚާއްސަކޮށް ރިއަލް ސެކްޓަރ ނުތަތަ ފަތުރުވެރިކުގެ ދާއިރާ އޮތީ ވަރަށް ރަނގަޅަށް އެހެން ނަމަވެސް ސަރުކާރުގެ ޚަރަދުތައް ކޮންޓްރޯލުން ނައްޓާފައި. ޑެފިސިޓް ބޮޑުވުމުގެ ގޮތުން މިއޮތީ އިގްތިސާދީ ގޮތުން ވަރަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައި. މީގެ ނަތީޖާ މިހާރު މިފެންނަނީ އިގްތިސާދީ ގޮތުން ގޮންޖެހުން ކުރިމަތިވެގެންދާތަން. މިސާލަކަށް މިދިޔަ ފަސް އަހަރުގަ ޖުމްލަ ޑެފިސިޓްގެ ގޮތުގަ ޖުމްލަ 53 ބިލިއަން ރުފިޔާ. އޭގެ މާނައަކީ ކޮންމެ އަހަރެއްގެ މައްޗަށް 10 ބިލިއަން ރުފިޔާ." މުވައްޒަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ، މިދިޔަ ވެރިކަމުގެ ދައުރު ނިމުނުއިރު ސަރުކާރުގެ ޚަރަދުތައް ކޮންޓްރޯލުން ނެއްޓި އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވެ، ޑެފިސިޓް ޚަރަދު އޮތީ 53 ބިލިއަން ރުފިޔާ ކަމަށާއި، އެއީ އަހަރަކަށް ބަލާނަމަ ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ކަމަށެވެ.

ކުރީ ސަރުކާރުގެ 5 އަހަރުގެ ދައުރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ ދަރަނި އެކަނި ވެސް 98 ބިލިއަނަށް އަރައިގެންދިޔަ ކަމަށާއި، ވެރިކަން ނިމުނުއިރު ސަރުކާރާއި ކުންފުނިތަކުގެ ދަރަނި ހިމެނޭގޮތަށް ރާއްޖޭގެ ދަރަނި 200 ބިލިއަނަށް އަރާފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

"ކުންފުނިތަކުގެ ސަބްސިޑީއާއި ކެޕިޓަލްގެ ގޮތުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ވަނީ ދީފައި. ރީސްޓްރަކްޗަރކޮށް ރީފޯމްކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ މި ދާއިރާއަށް. އެހެންވީމަ އަޅުގަނޑުމެންގެ ރިޕޯމް ޕްރޮގްރާމްގައި ހަގީގަތުގައި މައިގަނޑު ގޮތެއްގައި މަސައްކަތްކުރަމުންދަނީ މިދާއިރާތަކަށް،"

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މާލީ ވުޒާރާގެ ނައިބު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެފައި ވަނީ ވޭތިވެދިޔަ ތިން އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ދެކޮޅު ނުޖެހިގެން ކުންފުނިތައް މަހުން މަހަށް ހިންގުމަށް ވެސް ބޮޑެތި ހަރަދުތަކެއް ކުރި ކަމަށެވެ.

އެގޮތުން، ގިނަ ކުންފުނިތަކަށް މުވައްޒަފުން ބޮޑެތި އަދަދުތަކުން އިތުރުވެފައިވާ ކަމަށާއި އެއާއެކީގައި ކުންފުނިތަކަށް ލިބޭ އާމްދަނީއަށް ނުކަތާވަރަށް ކުންފުނީގެ ސެލެރީ ޝީޓް ތަކާއި އަދި އެހެނިހެން ހަރަދުތައް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު ހިންގާ ކުންފުނިތައް ކަމަށްވާތީ އެކުންފުނިތަކަށް ސަރުކާރުން މަހުން މަހަށް ހިންގަން ކެޕިޓަލްގެ ގޮތުގައި 2019 އިން 2023ގެ ނިޔަލަށް 9.3 ބިލިއަން ރުފިޔާ ދީފައި ހުރިކަމަށް ސާއިދު ވިދާޅުުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯޑު_މާލެ

    ކުރީ ސަރުކާރު.
    ކުރީ ސަރުކާރު.

  2. އަބްދޫ

    ކުންފުނިތައް ފައިނެންސިއަލް އޮޑިތަކާއި މެނޭޖްމެންޓް އޮޑިޓަކާއި ފާރފޯމަންސް އޮޑިޓެއް ކޮށް ނާޖާއިޒް ހަރަދު ތަކަށް ޒިންމާވާންޖެހޭ ފަރާތް ތަކުގެ މައްޗަށް ދައުވާކޮށް ފައިސާ ދަވްލަތަށް ނުހޯދައިފިނަމަ މުސްތަގްބަލަް ބަނަވެދާނެ.

  3. އަބްދޫ

    އޯޑިޓް ކޮށް ދައުވާކުރޭ.