2017 ވަނަ އަހަރު ފުލުހުންގެ ސްޓޯރޭޖް ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ބައެއް ޑޭޓާތައް ގެއްލިފައިވީ ނަމަވެސް އޭގެތެރެއިން ގިނަ ޑޭޓާ އަނބުރާ ހޯދުނު ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން މިހެން ވިދާޅުވީ، މީގެ ހަ އަހަރު ކުރިން މާލޭގެ ރެސްޓޯރެންޓެއް ތެރޭގައި ދެ ގްރޫޕު ދެމެދުގައި ހިނގި މާރާމާރީއެއްގައި ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި މުހިންމު ހެއްކެއް ކަމުގައިވާ ވީޑިއޯ ފުޓޭޖް ފުލުންގެ އަތުން ގެއްލި އެ މައްސަލައިގައި ދައުވާ ކުރިން އެންމެން މިނިވަންވުމާއި ގުޅިގެން "އެކްސް"ގައެެވެ.

އެކަމާ ގުޅޭ ހަބަރެއް ރިޕޯސްޓް ކުރައްވައި ޝިފާން ވިދާޅުވީ، 2017 ވަނަ އަހަރު ފުލުހުންގެ ސްޓޯރޭޖް ސިސްޓަމަށް މައްސަލައެއް ދިމާވެ ފުލުހުންގެ ބައެއް ޑޭޓާ ވަނީ ގެއްލިފައި ކަމަށާއި ނަމަވެސް އެ ހާދިސާ ދިމާވުމުން ގިނަ ކްރިޓިކަލް ޑޭޓާ "ރިސްޓޯރ" ކުރެވުނު ނުވަތަ އަނބުރާ ހޯދުނު ކަމަށެވެ.

"އެ ހާދިސާއާއި ގުޅޭ ގޮތުން، މި ފުޓޭޖާއި ގުޅުންހުރިތޯ މިދަނީ ބަލަމުން،" ޝިފާން ވިދާޅުވިއެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ޖީ-ސިކްސް ރެސްޓޯރެންޓް ތެރޭގައި ހިންގި މާރާމާރީގައި ޒުވާނަކަށް ހަމަލާދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ.

ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގި އެ މާރާމާރީގައި ދެމީހެއްގެ މައްޗަށް އުފުލީ މީހަކަށް ނުރައްކާތެރި ހާނިއައްކައެއް ވާ ގޮތަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ. އަނެއް ދެމީހުންގެ ތެރެއިން އެކަކަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވާއިރު، ދެން ހުރި މީހާގެ މައްޗަަށް ކޮށްފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާއެވެ.

އެ ދައުވާގެ އިތުރުން ވެސް އެކަމުގައި ހިމެނޭ ތިން މީހަކަށް މަގްބޫލު އުޒުރެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.

މީގެ ހަ އަހަރު ކުރިން ހިނގާދިޔަ އެ ހާދިސާގެ ޝަރީއަތް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިކަމުގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާއިރު، އެކޯޓުން އާންމު ކުރި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން އެމައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނާއި ދެކޮޅަށް ހުށަހެޅިފައިވާ އެންމެ މުހިންމު ހެއްކަކީ އެސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެއިން ޝާމް

    އަވަހަށް ޢާންމުކުރޭ ބައިނަލް އަޤުވާމީ ދުނިޔޭގެ ސަމާލު ކަމަށް ގެންނަންޖެހޭ ތިކަން.

  2. Anonymous

    އެއްވެސް އެހެން މައްސަލަ އެއްގެ ހެކި ގެއްލުންތަ؟ އަދި ފަހުން ހޯދުންތަ؟ ނޫނީ ވަޅި މައްސަލާގެ ހެކި އެކަނިތަ ގެއްލުނީ؟ މީ ވަރަށް މުހިއްމު ސުވާލު