ފުރަތަމަ ފަހަރަށް ޝަރުޢީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނަށް އަމާޒުކޮށްގެން ބާއްވާ ކޮންފަރެންސް "ކަފި 2024" އއ. އުކުޅަހުގައި ފަށައިފިއެވެ.

އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންގެ އިތުރުން ޕްރޮސިކިޔުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ބައިވެރިވެވަޑައިގެންނެވިއެވެ. އިއްޔެ ފެށި އެ ކޮންފަރެންސް މިއަދުގެ ކުރިއަށްދާ ސެޝަންތަކަށްފަހު ނިންމާލާނެއެވެ.

އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ދެއްކެވި ވާހަކަފުޅުގައި، ދައުލަތުގެ އެހެން އިދާރާތަކުން ކަންކަން ރަނގަޅުކޮށް ހިދުމަތް ފޯރުކޮށްދިނުމުގައި ގެންނަވާ ހެޔޮ ބަދަލުތަކަކީ ކޮބައިތޯ ބަލައި އެ ބަދަލުތަކާއި އެއްވަރަށް ޝަރުޢީ ދާއިރާއިން ވެސް ފައިހަމަކުރަންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޯޓުތަކުގެ އިދާރީ އިންތިޒާމްތަކާއި ވަޒީފާގެ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކުގެ ވާހަކަތައް، އެފަދަ ކޮންފަރެންސްއެއްގައި ފުޅާދާއިރާއެއްގައި ދެކެވެން ޖެހޭނެކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ޢަދުލު އިންސާފު ޤާއިމްކުރުމަކީ ފަނޑިޔާރުން އަދި އިދާރީ މުވައްޒަފުންގެ މަސައްކަތެއް ކަމާއި، އިދާރީ މުވައްޒަފުންގެ އެހީތެރިކަމާއި ނުލައި، ޢަދުލު އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ފަނޑިޔާރުންނަށް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗީފް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ދެއްކެވި ވާހަކަފުޅުގައި، އެފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އެއް ތަނަކުން ބައްދަލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއިއެކު، އިދާރީ ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުންގެ މެދުގައި މަޝްވަރާކޮށް، އެ ކަންކަމަށް ހައްލު ހޯދުމަކީ ކޮންފަރެންސްގެ އެންމެ މުހިންމު އެއް މަޤްސަދު ކަމުގައެވެ.

ޝަރުޢީ ކޯޓުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި އެއް ހަމައަކުން ފޯރުކޮށްދިނުމުގެ މުހިންމުކަމާއި، އެ ކޮންފަރެންސްގެ ތެރެއިން އެފަދަ ކަންކަން އެއްގޮތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އިދާރީ ހިންގުން ހަރުދަނާކުރުމަށް ޗީފް އެޑްމިނިސްޓްރޭޓަރުން ތަޢާރަފްކުރައްވާ އިޖާދީ ކަންތައްތައް ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ހިއްސާކޮށް، ޚިޔާލު ބަދަލުކުރެއްވުމުގެ މުހިންމުކަން ރިޒްނާ ފާހަގަކުރެއްވިއެވެ.

ކޮންފަރެންސްގައި ކީނޯޓް ސްޕީޗެއްގެ އިތުރުން، ހަތަރު ދާއިރާކުން ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ. މި ކޮންފަރެންސްގައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ އިތުރުން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ކޮންފަރެންސްގެ ސެޝަންތައް ނަންގަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ޗީފް އެޑްމިނިސްޓްރޭޓަރުން ހިމެނޭހެން، ޝަރުއީ ދާއިރާގެ ގިނަ މުވައްޒަފުންތަކެއް އެ ކޮންފަރެންސްގެ ސެޝަންތައް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

'ކަފި 2024' ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ ޝަރުޢީ ދާއިރާއަށް އަލަށް ތަޢާރަފްކުރެވޭ 'ޖުޑީޝަރީ ގެޒެޓް' އިފްތިތާޙްކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަން

    ރިޒްނާ އަކީ ހިންގަން ނޭންގޭ ވެރިއެއް. ބޭރުކުރަންޖެހޭ، ތަން ހަލޫކުވަނީ

  2. ކަނަމަނަ2020

    ކޯޓް ކޮމްޕުލެކްސް ގެ ވާހަކަ ދައްކާތާ ވީދުވަހެއްނޭގޭ،

  3. ހުސެއިން ޝާމް

    އިއްޒަތްތެރި ފަޑިޔާރު ތީ ވަރަށް ރަގަޅު މަސައްކަތެއް.ފަންނީ ހުނަރު އަށަގެނެވެން ޖެހޭ..އެންސީ.އައިޓީ ބޭފުޅުން ބައިވެރި ކުރާތި.