ދައުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ހަގީގަތް އޮޅޭ ގޮތަށް ކުރީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ދައްކަވާފައިވާ ވާހަކަތަކާއިމެދު ހިތާމަކުރައްވާ ކަމަށް މާލީ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.

މާލީ ވުޒާރާއިން މިިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ މާލިއްޔާއަށް ވާރުތަވެފައިވާ ދަތި އުނދަގޫތަކުން އަރައިގަނެ، ދިވެހިރާއްޖޭގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މިނިސްޓްރީން އޮފް ފިނޭންސް އިން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ނިމިދިޔަ ސަރުކާރުގައި އެ ވުޒާރާގެ ވަޒީރު، ދައުލަތުގެ މާލީ ހާލަތާއި އަދި ކުރިމަތިވެފައިވާ ހިރާސްތަކާ ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް އަދި މާލީ ވުޒާރާ ބަދުނާމުވާ ގޮތަށް ދައްކަވާފައިވާ ވާހަކަތަކާއިމެދު ހިތާމަކުރާ ކަމަށެވެ.

ކޮވިޑްގެ ހާލަތުން އެންމެ އަވަހަށް އިއާދަވި އެއް އިގްތިސާދަކީ ރާއްޖޭގެ އިގްތިސާދު ކަމާއި، މި އަހަރާއި މެދުރާސްތާގައި ވެސް ރާއްޖެގެ އިގްތިސާދު ހަލުވިކަމާއެކު ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އޭރުވެސް ދައުލަތުގެ މާލިއްޔާއަށް ހިރާސްތަކެއް ހުރިއިރު، އެކަން 2022 އަދި 2023 ވަނަ އަހަރުގެ ތެރޭގައި ފާހަގަވެފައިވާ ކަމަށް ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓަޖީ ބަޔާންތަކާއި، އަދި ބަޖެޓް ފޮތްތަކުގައި އޭރު ވެސް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެގޮތުން 2023 ވަނަ އަހަރު އެ ވުޒާރާއިން ހުށަހަޅައިގެން 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ގެނެވިފައިވާ ބަދަލުތަކަކީ ހާލަތާއި ބައްދަލު ހެޔޮ ބަދަލުތަކެއް ކަމަށް އެ ބަޔާނުގައިވެއެވެ. ނަމަވެސް ކޮވިޑުން އަރައިގަނެ ފިސްކަލް ހިރާސްތައް ކުޑަކުރަން އަަޅަން ޖެހުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައިވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް 17 ނޮވެމްބަރު 2023 ވަނަ ދުވަހާއި ހަމައަށް ހުރީ ތަންފީޒުނުކޮށް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ފާއިތުވި އަހަރުތަކުގައި މިގޮތަށް އަމަލުނުކުރުމުގެ ނަތީޖާއަކަށް ވެފައިވަނީ ދައުލަތުގެ ހަރަދުތައް އާމްދަނީއާއި ނުބައްދަލު މިންވަރަކަށް އިތުރުވެ، މި ޑެފެސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކު ވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރުވުމެވެ. މިކަމުގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު، މެދު ރާސްތާގައި "ހައި ރިސްކް އޮފް އޯވަރޯލް ޑިސްޓްރެސް" ނުވަތަ ދަރަނި އަދާ ނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އިންޓަރނޭޝަންލް މަނިޓަރީ ފަންޑުގެ 2022 ވަނަ އަހަރުގެ އާރޓިކަލް-4 ކޮންސަލްޓޭޝަން ރިޕޯޓުގައި ވެސް ވަނީ ފާހަގަކޮށްފައެވެ." އެ ބަޔާނުގައިވެއެވެ.

ފިޗް ރޭޓިންސްގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި މައިގަނޑު ސަބަބަކީ ވެސް އެކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ދިޔުން ކަމަށް ވުޒާރާގެ ބަޔާނުގައިވެއެވެ.

މި އަހަރަށް ތައްޔާރު ކުރި ބަޖެޓު ފޮތުގައި ވެސް މި އަހަރުގެ މެދުތެރެއިން ފެށިގެން، މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ހަރަދުތައް ކުޑަކުރާނެ ގޮތުގެ އޮނިގަނޑުތަކެއް ބަޔާންކޮށްފައިވާ ނަމަވެސް، 17 ނޮވެމްބަރު 2023 ދުވަހާ ހަމައަށް ވެސް އެކަންކަން ކުރާނެ ގޮތުގެ ތަފްސީލީ އެކްޝަން ޕްލޭނެއް ތައްޔާރު ނުކުރާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެ އިސްލާހުތަކާއި ގުޅޭ ޓެކްނިކަލް މަސައްކަތްތައް ނިންމައި، ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ތައްޔާރުވަމުންދަނީ އަދުގެ ސަރުކާރުގައިކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެންމެހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ، މުސްތަގުބަލާ ގުޅިފައިވާ އެ މަސައްކަތަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާލުން ދިނުމަށް ވުޒާރާއިން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެނޯ

    މިސަރުކާރަކީ ބަހާ އަމަލާ ދިމާވާ ބައެއްނޫން. ތިދައްކާ ވާހަކަ ޤަބޫލުކުރެވޭކަށް ނެތް.

    އަމީރުގެ ބުނުން ޔަޤީންވާކަމަކީ އިންޑިއާގެ 150މ ޑޮލަރުގެ ލޯން ހިލޭއެހީއަކަށް ބަދަލުވާން އޮތް އޮތުން.... ގަދަ ދައްކާފައި ޕޭމަންޓް ހަދާލީ ބޭންކުގެ ގޮހޮރަށް އަތްބާނާ. ފައިސާއެއްނެތޭ ކިޔާފަ އައި ބަޔަކު އުޅޭނެ ގޮތަކަށްނޫން ކަންކަންކުރަމުން ދިޔައީ. މިހާރު ބޭރު ޤައުމުތަކާއި ޖެހިގަތުމުން އެއްވެސް ޤައުމަކުން އެހީނުވީމާ ދެން ޖެހުނީ ނުކިޔާނަމޭބުނި "ކުރީ ސަރުކާރު" ދެނޭވާދޭތެރޭ ކިޔަން.

    މިކޮމެންޓް ނޭނގޭ ޖަހާނެކަމެއް. ގަނެލާފަވިއްޔާ ތިބޭނީ މިވެރިން