ދައުލަތުގެ ދަރަންޏަށް ރަނގަޅު އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށާއި، އިސްކަން ދޭނެ މަޝްރޫއުތަކުގެ ތަރުތީބެއް ކަނޑައަޅަން ޖެހޭކަން ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސްކުރުމަށް މަޖިލީހުގައި ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަވަމުން އަނާރާ ވިދާޅުވީ، ދައުލަތުގެ ދަރަނި ކުޑަވާނެ ޖެހޭ ކަމަށާއި، އެހެން ގައުމުތަކުގައި ވެސް ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވަމުން އޭގެ ބައެއް މިސާލުތައް ވެސް އޭނާ ދެއްކެވިއެވެ.

"އެގޮތުން އޮސްޓްރޭލިއާގައި އަމަލުކުރަމުންދާ ގޮތަށް ބަލާލާއިރު، ސަރުކާރުން ސެކިއުރިޓީސް މާކެޓް އިޝޫކޮށްގެން ދައުލަތުގެ ދަރަނިތައް ކުޑަކުރުމަށް މަސައްކަތްކުރާކަން ފާހަގަކުރެވޭ. މީގެ އިތުރުން މަނިޓަރީ ޕޮލިސީއާއި ދަރަނި މެނޭޖްކުރުން ވަކިކޮށްގެން އޮސްޓްރޭލިއާގެ ސެންޓްރަލް ބޭންކުން އޯޕަން މާކެޓް އޮޕަރޭޝަންސް ބޭނުންކޮށްގެން ފައިސާއާ ގުޅުންހުރި ކަންކަން މެނޭޖްކުރަމުންދާކަން ފާހަގަކުރެވޭ،" އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ، ހަމައެގޮތަށް ރާއްޖޭގައި ވެސް އެފަދަ ސިޔާސަތުތައް އެކުލަވާލުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ރައީސް މުއިއްޒުގެ ސަރުކާރުން ވެސް އިގްތިސާދީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ގާނޫނީ ނިޒާމުގެ ތެރެއިން ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން އިސްކަން ދޭނެ މަޝްރޫއުތަކުގެ ތަރުތީބެއް ކަނޑައަޅަން ޖެހޭ ކަމަށާއި ލިބޭ މިންވަރަކުން މަޝްރޫއުތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.

"ދައުލަތުގެ ދަރަނި ކުޑަކުރަންޏާ ލިބޭ މިންވަރަށް ޚަރަދުތައް ހަމަޖެއްސުން އެއީ ވަރަށް މުހިންމު ކަމެކޭ. އެކަން އެންމެހާ ރައްޔިތުން ވެސް ގަބޫލުކުރަންޖެހޭ، އެންމެހާ ރައްޔިތުން ވެސް ގަބޫލުކުރަންޖެހޭ ރަށްރަށުގައި ވެސް މުޅި ރާއްޖޭގައި ވެސް ހިންގާ ޕްރޮޖެކްޓުތައް ހިންގާއިރު އިސްކަންދޭ ތަރުތީބު ކަނޑައެޅުމާއި ދައުލަތަށް ލިބޭ މިންވަރަށް ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް އިސްކަންދިނުން އެއީ ވަރަށް މުހިންމުކަމެއް."

އަނާރާ އިތުރަށް ވިދާޅުވީ، އެންމެން މަސައްކަތްކޮށްގެން ރާއްޖޭގައި މިހާރު އޮތް ދަރަނިތަކުން އަރައިގެނެވޭނެ ކަމަށާއި، އަދި މުޅި ގައުމަށް އިގްތިސާދީ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށެވެ.