ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމަށް ތައްޔާރީތައް ވާން ފަށައިފިއެވެ.

ދަނޑުވެރިކަމުގައި ހިއްސާ ފަރާތްތަކާއި ގުޅޭގޮތުން މަޢުލޫމާތު އެއްކޮށް ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި ކަމަށް ތައްޔާރުވުމުގެ އެފްއޭއޯގެ އެހީގައި ތިން ދުވަހުގެ މުއްދަތަށް ހިންގާ ތަމްރީން ޕްރޮގްރާމް ވަނީ ފަށައިފައެވެ.

މި ތަމްރީންގައި ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާގެ އިތުރުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ބޭފުޅުންވެސް ބައިވެރިވެއެވެ.

މިތަމްރީން ޕްރޮގްރާމް ފައްޓަވާ ދެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމެވެ.

ދަނޑުވެރިކަމުގެ ސެންސަސްއަށް ބޭނުންވާ މައުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ރަށު ކައުންސިލްތަކުގައި ރަޖިސްޓްރީ ކޮށްގެން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދަނޑުވެރިންގެއެވެ. މިގޮތުން ސެންސަސްގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިޝާމާ ވިދާޅުވީ، އެ ވުޒާރާއިން މި މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ އެހީގައި ކަމަށާއި، މިހާރު ސެންސަސްގެ ޕްރީ ޓެސްޓިންއެއް ބ. ގޮއިދޫއާއި ބ. އަންހެންފުށީގައި ކުރިއަށްގެންދެވިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން މިހާރު ސުވާލު ކަރުދާސް ތައްޔާރުކުރުމާއި ރާއްޖޭގައި ތިބި ދަނޑުވެރިންގެ އަދަދު ހޯދަމުންދާ ކަމަަށް ވިދާޅުވިއެވެ.

އަދި އެ ވުޒާރާއިން ކުރިއަށްގެންދަން ރާވާފައިވާ ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓެއް ހދ. ހަނިމާދޫގައި ހިންގި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މި މަސައްކަތުގެ ތެރެއިން ބައެއް ބާވަތްތަކުގެ ތަރުކާރީ ނުވަަތަ މޭވާގެ ދެވަނަ ބެޗެއް އިންދިފައިވާ ކަމަށާއި، މިއީ ބިން ކުދި ރަށްތަކުގައި ދަނޑުވެރިކަން ކުރުމަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ވިޝާމާ ފާހަގަކުރެއްްވިއެވެ.

އެ ވުޒާރާގެ ލިޔުންތަކުން ފެންނަގޮތުން މިވަގުތު ރާއްޖޭގައި 7،600 ދަނޑުވެރިން ތިބި އިރު އޭގެ ތެރެއިން 55 ޕަސެންޓަކީ އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު