ސިހުރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ސިހުރުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރު ކޮށްފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ދިންއިރު، އޭނާގެ ކޮއްކޮގެ ބަންދަށްވެސް ހަތް ދުވަހުގެ މުއްދަތެއް ދިނެވެ.

އޭނާގެ ކޮއްކޮވެސް ހުރީ އެ ވުޒާރާގެ ސިޔާސީ މަގާމެއްގައެވެ.

ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ އަންހެނުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިތުރު ހަތް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފައިވާ ކަމަށެވެ.