އެކި ފަހަރު މަތިން ފިހާރައަކުން މުދާ ގަތުމަށްފަހު އެ މުދަލަށްވާ ފައިސާ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރާނެ ކަމަށްބުނެ، ފައިސާ ޓްރާންސާފަރ ކުރުމެއްނެތި އެ ފައިސާ ޓްރާންސްފަރ ކުރި ކަމަށް ދެއްކުމަށް ސައްހަ ނޫން ބޭންކް ސްލިޕްތަކެއް ފިިިހާރައަށް ފޮނުވި މީހަކު 6 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ދައުލަތުން ސ. ހިތަދޫ، ދާގަނޑުކެކުރިގެ، ޝާފިއު ޝިހާބްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާއެވެ. އޭނާ ވަނީ 27 ޖޫން 2022 އިން ފެށިގެން 21 އޮކްޓޫބަރު 2022 ގެ ނިޔަލަށް އެކިފަހަރު މަތިން މުދަލަށް ފައިސާ ދެއްކި ކަމުގެ ސައްހަ ނޫން ބޭންކް ސްލިޕް ފިހާރައަކަށް ފޮނުވާފައެވެ.

އިބްތިދާއީ އަޑުއެހުމުގައި ދައުވާލިބުނު ފަރާތުންވަނީ ދައުވާ ސާފުވެއްޖެކަމަށް ބުނެ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މި މައްސަލަ ކުރިއަށްގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

އޭނާ ކޮށްފައިވާ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި އޭނާ އިއުތިރާފުވެފައިވާތީ ކުށުގެ ދަރަޖަ އެއް ދަރަޖަ ކުޑަ ކުރުމަށް ގާޒީ ނިންމެވިއެވެ.

ދައުވާލިބުނު ފަރާތުން ޖޫރިމަނާގެ އަަދަބަކަށް ބަދަލު ކުރަން އެދުނު ނަމަވެސް، ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމުުގެ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާތީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ ޖަލު އަދަބު ދިނުމަށެވެ.

އެހެންކަމުން، ގާޒީ އިސްމާއީލް ޝަފީއު ޙުކުމް ކުރެއްވީ އޭނާ 6 މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު