ގދ.ފިޔޯރީ އަދި ފ. ނިލަންދޫގައި މަސްފެކްޓްރީ ގާއިމްކޮށް ނިމުމުން މިފްކޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިފްކޯއަށް މަސްގަންނަ އަގަށް ގެނައި ބަދަލާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ، ފެލިވަރުގައި މަސް ބަންދުކުރާ މިންވަރު 100 ޓަނަށް ބަދަލުކޮށް، ފިޔޯރީ އަދި ނިލަންދޫގައި ފެކްޓްރީ ގާއިމްކޮށް ނިމުމުން މިފްކޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ނިލަންދޫ އާއި ފިޔޯރީގައި ފެކްޓްރީ ޤާއިމުކުރެވި އޮޕަރޭޝަނަށް އައުމުމުން ހޮރައިޒަންގެ 40 ޓަނާއި އެންސިސްގެ 25 ޓަނު ނުހިމަނާ ދައުލަތުގެ ޕްރޮސެސިން ކެޕޭސިޓީ 80،000 ޓަނަށް އަރާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

"ފެލިވަރު ކެޕޭސިޓީ މިހާރު ގާތްގަނޑަކަށް 40 ނުވަތަ 50 ޓަނުގެ ޕްރޮސެސިންގ ކެޕޭސިޓީއެއް ހުއްޓަސް މިވަގުތު ފެލިވަރުގައި ބަންދުކުރަނީ ދުވާލަކަށް 40 ޓަނު. ފެލިވަރު ކެޕޭސިޓީ 100 ޓަނަށް ބަދަލުކުރެވި އަނެއްކާ އަޅުގަނޑުމެން މިބަލަނީ ދިވެހިރާއްޖޭގައި އިތުރު 2 ފެކްޓްރީ އެއީ ފިޔޯރީގައި އާއި ފ. އަތޮޅު ނިލަންދޫ، އެ ފެކްޓްރީއާ އެކީ ގާތްގަނޑަކަށް އިތުރުވެގެންދާނެ ފެލިވަރާއި އެއްކޮށް. އޭރުން 300 މެޓްރިކް ޓަން ދުވާލެއްގެ މައްޗަށް ޕްރޮސެސް ކުރެވޭނެ. އެހެންވެއްޖެ ކަމަށްވަނީނަމަ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 80،000 ޓަނު ޕްރޮސެސް ކުރެވޭނެ." ޝިޔާމް ވިދާޅުވިއެވެ.

އެ މަސައްކަތް ނިމި އޮޕަރޭޝަން ފެށުމުން މިހާރު ކަޅުބިލަމަހުން ރާއްޖެއަށް ލިބުމުންދާ އާމްދަނީ ދެގުނަ ކުރެވިގެންދާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ކަޅުބިލަމަހުގެ އާމްދަނީގެ ގޮތުގައި ލިބެމުންދާ 92 މިލިޔަން ޑޮލަރު އޭރުން 190 ވަރަކަށް މިލިޔަން ޑޮލަރަށް ބަދަލުވެގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ރޭވުމާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށްދާނަމަ މިފްކޯއަށް ވަރަށް ބޮޑު ލުޔެއް ލިބި މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.